ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
އެޗްޑީސީގެ ޑިރެކްޓަރުން ބޯޑު މެންބަރުން ސަސްޕެންޑުކޮށްފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ވެރިފައި ކުރުމެއް ނެތި ގޯތި ދޫކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް އައު މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ ތުހުމަތުތަކާއެކު އެޗްޑީސީގެ ޗެއަރމަން ފިޔަވައި ހުރިހާ ޑިރެކްޓަރުން ސަސްޕެންޑުކުރިއެވެ. އޭގެތެރޭގައި އޭރުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލްވެސް ހިމެނެއެވެ.
އަދި މިދިޔަ އާދީއްތަ ދުވަހު އެޗްޑީސީގެ އެމްޑީގެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވަނީ އައްޔަންކޮށްފައެވެ.