ހއ. ބާރަށުން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އެ ރަށުން ޕޮޒިޓިވްވި ޖުމްލަ އަދަދު 22 އަށް އަރައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ބާރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީންގައި ތިބި 9 މީހެއްކަމަށެވެ. އަދި އެކޭސްތަކާއި ގުޅިގެން ކޮންޓެކްޓުވި މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރިއިރު، ދޭއް މާޗްގައި އިތުރު 4 މީހުން ޕޮޒިޓިވްފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިއާއެކު ޑައިރެކްޓް ކޮންޓެކްޓުންނާއި ބަލީގެ އަލާމާތްތައް ހުރި މީހުންގެ ތެރެއިން ސާމްޕަލް ނަގައި މިއަދު ޓެސްޓުކުރެވުނު 158 ސާމަޕަލްގެ ތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.