ކުރިއަށް އޮތް ރޯދަމަހު ވެސް ތ. ވޭމަންޑޫ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް އެއްވެސް ދަތިކަމެއްނެތި ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާރ އަޙުމަދު ސަޢީދު މުޙައްމަދު ދެއްވައިފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ ރޯދަމަސް އައުމަކުން ވޭމަންޑޫ ރައްޔިތުން ކަރަންޓާމެދު ވިސްނާކަށް ނުޖެހޭނެއެވެ. "ވޭމަންޑޫ ރައްޔިތުންނަށް އަޅުގަނޑު މިވަގުތު ދޭން ބޭނުންވާ މެސެޖަކީ އެއްވެސް ގޮތަކަށް ފިކުރު ނުކުރައްވާށޭ ކަރަންޓާ ދޭތެރޭގައި. ތިޔަ ބޭފުޅުންނަށް ބޭނުންވާ ކަރަންޓު އެ ބޭނުންވާ މިންވަރަށް ފެނަކަ މެދުވެރިކޮށް ތިޔަ ބޭފުޅުންނަށް ލިބިލައްވާނެޔޭ،" ސަޢީދު ވިދާޅުވިއެވެ.
ވޭމަންޑޫ އިންޖީނު ގޭގައި ރޯވެ އެތާގައި ބޭނުންކުރަމުން އައި ތިން އިންޖީން ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެރަށަށް މިހާރު ދެނީ ވަގުތީ ކަރަންޓެވެ. ދައިމީ ކަރަންޓު ދިނުމުގެ މަސައްކަތް ވެސް ފެނަކައިން ގެންދަވަނީ ކުރައްވަމުންނެވެ.
ޙާލަތު އެގޮތަށް އޮތަސް ސަޢީދު ވަނީ ވޭމަންޑޫ ރައްޔިތުންނަށް އުންމީދުން ފުރިގެންވާ އޯގާތެރި މެސެޖެއް ދެއްވައިފައެވެ. "ކަންބޮޑުވެ ނުލައްވާ. ރޯދަމަސް އަންނާތީ ތިމަންނަމެންގެ ފުރިޖެއް ނުޖެއްސޭނެޔޭ. ތިމަންނަ މެންގެ އައިސް އަލަމާރިއެއް ނުޖެއްސޭނެޔޭ. ހަމަ ތިޔަ ބޭފުޅުންގެ ގާބިލްކަންހުރި މިންވަރަކުން ރަށަށް އެއްޗެހި އިތުރު ކުރަންވީއޭ. ފެނަކައިގައި ހުންނާނެޔޭ މިވަގުތު ވަސީލަތް ގާއިމް ކުރެވިފައި،" ވޭމަންޑޫ ރައްޔިތުންނަށް ސަޢީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެރަށުގެ ޙާލަތު ވަރަށް ގާތުން ބެއްލެވުމަށް ފަހު އެކަމަށް އަޅަންޖެހޭ ފިޔަވަޅު ވަގުތުންވަގުތަށް އަޅުއްވަމުން ގެންދަވާނޭ ކަމަށެވެ.
ސަޢީދު ވިދާޅުވީ ވޭމަންޑޫ ނޫނަސް ފެނަކައިގެ ޚިދުމަތް ހޯދަމުން ގެންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ރޯދަމަސް އައުމަކުން ކަރަންޓުގެ އެއްވެސް މައްސަލައެއް ދިމާނުވާނެއެވެ.
ފެނަކައިން ޚިދުމަތް ހޯދާ ފަރާތްތަކަށް "އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ފެނަކައަށް އިތުބާރު ކުރައްވާށޭ. ރޯދަމަސް އައުމަކުންނެއް ރޯދަމަހާ ދިމާވުމަކުންނެއް ތިޔަބޭފުޅުންނަށް އެއްވެސް ވަރަކަށް ދަތިނުވެ ކަރަންޓު ލިބޭނެ ވަސީލަތް އަޅުގަނޑުމެން ގާއިމް ކޮށްދޭނަމޭ،" ސަޢީދު ވިދާޅުވިއެވެ.