ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަންދިޔަ އެމްޓީސީސީގެ މަހާޖައްރާފު ޓީމަށް ދުވާފަރުން ވަރަށްހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މަރުޙަބާ ކިޔުމުގެ ގޮތުން އެރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުންވަނީ އެމްޓީސީސީގެ ޓީމަށް ޚާއްސަ މަލާފަތް ހަދިޔާ ކޮށްފައެވެ. މަހާޖައްރާފު އެރަށަށް ދިޔައީ ބުރާސްފަތި ދުވަހުއެވެ.
މަލާފަތް ދިނުމުގެ މި ޚާއްސަ ޙަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރުގެ ވަގުތުގައެވެ. މިފަދަ މަލާފަތާއި، ފަރިވަޅު ދިނުމާއި ދެކުން ކުރުމަކީ ރާއްޖޭގެ ބައެއް ރަށްރަށުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ދުވާފަރު ފަޅުގެ 500 ފޫޓެއްހާ ބޭރުގައި އޮތް މަހާޖައްރާފާއަށް މަލާފަތް ހިފައިގެން ދިޔައީ ސަޤާފީ ކުޅިވަރުތައް ކުޅެމުންނެވެ. އޭގެތެރޭގައި ބޮޑުބެރާއި ލަނގިރި އަދި ކޯޑި ފަދަ ކުޅިވަރުތައް ހިމެނެއެވެ. މަލާފަތް ހިފައިގެން މަހާޖައްރާފަށް ދިޔައީ އެރަށުގެ ފަސް ދޯންޏެއްގައެވެ. މި ހަރަކާތަކީ އެމްޑީޕީގެ ސަޕޯޓަރުން އިސްވެ ބޭއްވި ހަރާކާތެކެވެ.
ރ. ދުވާފަރުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮޑުދޮށް ހިމާޔަތް ކުރަން ހަމަޖެހިފައިވެއެވެ. އަދި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދުވާފަރަކީ އާބާދީ ބޮޑު ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. އެހެންކަމުން ދުވާފަރުގެ ބިން ހިއްކުމަކީ އެ ރަށުގެ ރައްޔަތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ. ޚާސަކޮށް ޒުވާނުން ތިބީ މިކަމަށް ވަރަށް ބޮޑަށް އެދިއެދި އެވެ.
ދުވާފަރަކީ މިހާރު ވެސް ތަރަށްޤީގެ މަސައްކަތްތަކެއް ކުރިއަށްދާ ރަށެކެވެ. އެގޮތުން މަގުހެދުމުގ މަޝްރޫޢުގެ 99 ޕަސެންޓް ވަނީ ނިމިފައެވެ. އަދި މިމަސްތެރޭގައި ދުވާފަރު ޒުވާނުން ފުޓްބޯޅަ ކުޅުމަށް ބޭނުންވާ ޓާފް ދަނޑުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.