ޖަޕާން ސަރުކާރުން، 2030ގެ ނިޔަލަށް އަހަރަކު، 60 މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފައިފިއެވެ. ނިމިގެން ދިޔަ، މާލީ އަހަރު، ޖުލައި 2023 އާއި ޖޫން 2024 އާ ދެމެދު ޖަޕާނަށް ޒިޔާރަތް ކޮށްފައި ވަނީ 31 މިލިއަން ފަތުރުވެރިންނެވެ. ޖަޕާން ވެފައި ވަނީ، ފަތުރުވެރިކަމުގެ ގޮތުން އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެންމެ ކާމިޔާބު މާކެޓަށެވެ.

ފަތުރުވެރިކަމަކީ، ޖަޕާނުގެ އިޤްތިސާދަށް މުހިންމު ހިއްސާއެއް އަދާކުރާ ދާއިރާއެކެވެ. 6 މިލިއަން މީހުންނަށް ވަޒީފާ ދޭ ދާއިރާވެސް މެއެވެ.

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ ރައީސް އަދި ސީއީއޯ ޖޫލިއާ ސިމްޕަސަން ވިދާޅުވާ ގޮތުގައި ޖަޕާނުގެ ފަތުރުވެރިކަމަކީ، 44.6 ޓްރިލިއަން ޔެން، (291.5 ބިލިއަން ޑޮލަރު) ގެ ހިއްސާއެށް އިގްތިސާދަށް ވެދޭ ދާއިރާއެވެ.

ފަތުރުވެރިކަމުގައި ޖަޕާނުން ޚާއްސަ ސަމާލުކަމެއް ދޭ އެއް ދާއިރާއަކީ ހަލާލު ޓޫރިޒަމްއެވެ. ޖަޕާނުން ވަނީ ބޮޑެތި ސިޓީތަކުގައި ހަލާލު ކާނާ ތައްޔާރު ކުރާނެ ގޮތާއި ލޭބަލް ކުރާނެ ގޮތް ދަސްކޮށް ދިނުމަށް ތަމްރީން ޕްރޮގްރާމުތައް ބާއްވާފައެވެ. އަދި ހޮޓާތަކުގައި ނަމާދު ކޮޓަރި ހަދާނެ ގޮތާއި ގިބުލަ ފާހަގަ ކުރާނެ ގޮތްވެސް ދަސްކޮށް ދީފައިވެއެވެ.

ޖަޕާން ނޭޝަނަލް ޓޫރިޒަމް އޮގަނައިޒޭޝަނުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މުސްލިމުންނާ މުއާމަލާތު ކުރާނެ ގޮތް ދައްކޮށްދޭ ގައިޑްތަކާއި ކާނާ އާ ބެހޭ ގައިޑްތައްވެސް ތައްޔާރުކޮށްފައެވެ.

ޖަޕާނުގެ މުސްލިމުން އާބާދީއަކީ 2 ލައްކައެވެ. ޖަޕާނުގެ އެކި ސިޓީތަކުގައި 115 މިސްކިތް ހުރިކަމަށް ޓޯކިޔޯގެ ވަސޭޑާ ޔުނިވަރސިޓީން ކުރި ދިރާސާއެއްގައި ބުނެފައި ވެއެވެ.