އެމެރިކާގެ ވެރިކަންކުރާ ވޮޝިންޓަންގައި ހުންނަ ކޮންގްރެސް ނުވަތަ އެމެރިކާގެ ޕާލަމެންޓް މައި އިމާރާތަށް ހަތިޔާރުއެޅި ބަޔަކު ހަމަލާދީ، އެ އިމާރާތް ހިސާރުކުރުމަށް ރާވަމުންދާ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތާ ގުޅިގެން ކޮންގްރެސް އިމާރާތާއި އަދި ވޮޝިންޓަންގައިވެސް ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަ ކޮށްފިއެވެ.

ކޮންގްރެސް އިމާރާތަށް ހަތިޔާރު އެޅި ބަޔަކު ހަމަލާދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން އެކަން ހާމަކުރީ ކޮންގްރެސް އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ ޚާއްސަ ފުލުހުންނާއި، އެފްބީއައި އިންނެވެ.

ހަމަލާދޭން ރާވަމުންދަނީ "ތްރީ ޕަރސެންޓަރސް" ނަމަކަށްކިޔާ، ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ގްރޫޕަކުން ކަމަށްވެސް ބުނެފައި ވެއެވެ.

ޖާސޫސީ ރިޕޯޓްތަކުން ހާމަވެފައިވަނީ، ޖެނުއަރީ 6 ގައި ހިނގިފަދަ ހާދިސާއެއް ތަކުރާރުކުރަން ބަޔަކު ރާވަމުންދާ ކަމަށެވެ.

މިފަދަ ޖާސޫސީ މައުލޫމާތެއް މިލިބުނީ، ޖެނުއަރީ 6 ގައި އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުގެ ބައެއް މީހުންވެސް ހިމެނޭގޮތުން އެތައްބަޔަކު ހައްޔަރުކޮށް މައްސަލަތައް ތަހްގީގުކޮށް، ބައެއް މައްސަލަތައް ކޯޓްތަކަށްވެސް ވައްދާފައި ވަނިކޮށެވެ.

ހަތިޔާރުއެޅި ބަޔަކު އަނެއްކާވެސް ކޮންގްރެސް އިމާރާތަށް ހަމަލާދޭން އުޅޭކަމަށް ލިބުނު ޖާސޫސީ މައުލޫމާތާ ގުޅިގެން، އެމެރިކާގެ އެންމެވަރުގަދަ ނޭޝަލް ގާޑުގެ ސިފައިންނާއި، ކޮންގްރެސް އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ ޚާއްސަ ފައުޖުން މިހާރު ތިބީ ފިޔަވަޅުތައް ވަރުގަދަކޮށް، ތައްޔާރީ ހާލަތުގައެވެ.

ޖެނުއަރީ 6 ގައި ދެވުނު ހަމަލާގެ ފަހުން، ކޮންގްރެސް އިމާރާތް ހުންނަ ސަރަހައްދު ވަށައިގެން ފެންސުޖަހައި، ކަށިނަރު ދަމައި، 24 ގަޑިއިރު ސިފައިން ގެންދަނީ އެ ސަރަހައްދުގައި ފޯރި މަރަމުންނެވެ.

އެދުވަހު އައިފަސޭހައިގޮތަށް ނޭޝަނަލް ގާޑުގެ ސިފައިންވެސް ކޮންގްރެސް އިމާރާތް ހުންނަ ސަރަހައްދުގައި ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުތަކެއް، ސެކިއުރިޓީ ފެންސު ފަޅާއި، ފުލުހުންގެ ސަފުތައްވެސް ފަޅާލައި، އެހާ ފަސޭހައިން ޖެނުއަރީ 6 ގައި ކޮންގްރެސް އިމާރާތަށް ވަދެގަނެވުނީ ކިހިނެއްތޯ ބެލުމުގެ ތަހްގީގުތައް ކޮންގްރެސްގައި ކުރިއަށްދާއިރު، ކޮންގްރެސް އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ ޚާއްސަ ފުލުހުންނާއި، އެފްބީއައިވެސް ހާޟިރުކޮށް ގެންދަނީ ސުވާލު ކުރަމުންނެވެ.