އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑޮކްޓަރ މަންމޯހަން ސިންގްގެ ހަނދާނުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ސޮއިކުރައްވައިފިއެވެ.

ދަފުތަރުގައި ސޮއިކުރައްވައި ރައީސް ލިޔުއްވި މެސެޖުގައި، ޑޮކްޓަރ ސިންގްއަކީ ތަޖްރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ހާއްސަކޮށް ޙިކުމަތްތެރި ނިންމެވުންތަކާއެކު އެތައް ބައެއްގެ އިހުތިރާމް ހޯއްދަވާފައިވާ ޝަހުސެއްކަން ފާހަގަކުރެއްވިއެވެ. އަދި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޑޮކްޓަރ ސިންގް ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމުގެ އުއްމީދުތަކަށް އިތުރު ހަރުދަނާކަމެއް ލިބިގެންދިޔަ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑޮކްޓަރ ސިންގްގެ އާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުންނެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގް އަވަހާރަވީ މިހިނގާ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.