މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު މިހާތަނަށް އޮޑިވެރިންނަށް ބިލިޔަނެއްހައި ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އިން ހާމަ ކުރައްވައިފިއެވެ.
މިފްކޯއިން މިއަދު ހާމަކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު 17 ނޮވެމްބަރ 2023 އިން 28 ޑިސެމްބަރ 2024 ގެ ނިޔަލަށް މިފްކޯއަށް 55،925 މެޓްރިކް ޓަނުގެ މަސް، މަސްވެރިން ކިރުވާފައިވާކަމަށެވެ. އަދި ކިރުވާފައިވާ މަހަށް 981،126،385 ރުފިޔާ އޮޑިވެރިންނަށް ދީފައިވާކަމަށެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، އޮޑިވެރިންނަށް ދޭންޖެހޭ 230 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދެވި އޮތެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ފައިސާ އޮޑިވެރިންނަށްދީ ޚަލާސްކޮށްފައެވެ.
ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މިފްކޯއަށް ކިރުވާ މަހަށް ސަރުކާރުން ގެންދަނީ 48 ގަޑިއިރު ތެރޭގައި ފައިސާ ދެމުންނެވެ. މިފްކޯއިން ހާމަކުރެއްވި ގޮތުގައި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް އެ ކުންފުންޏަށް ދަނީ ލިބެމުންނެވެ.