ޕެރެގުއޭ ސަރުކާރުގެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ޕެރެގުއޭގެ ރައީސް މާރިއޯ އަބްދޯ ބެނިޓޭޒް އަންގަވައިފިއެވެ.
ޕެރެގުއޭގެ ރައީސް މިގޮތަށް އެންގެވީ، ޕެރެގުއޭގެ ސަރުކާރުން ކޮވިޑް-19 ބަލިމަޑު ހާލަތާގުޅިގެން އަޅަމުންދާ ފިޔަވަޅުތައް ދޯދިޔާކަމަށް ބުނެ މަގުތަކަށް ނުކުމެ މުޒާހަރާކުރި އާންމުންނާއި ފުލުހުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކަށް ފަހުގައެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން، ރައީސް އެދިވަޑައިގަންނަވަނީ ކެބިނެޓުގެ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ކަމަށް، ސަރުކާރުގެ ކޮމިއުނިކޭޝަންސް މިނިސްޓަރ ޖުއާން މަނުއެލް ބްރުނެއްޓީ ވިދާޅުވިއެވެ.
އަދި ޕެރެގުއޭގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމިއުނިކޭޝަންސް މިނިސްޓަރ ޖުއާން މަނުއެލް ވިދާޅުވީ، ރައްޔިތުން ދޭން ބޭނުންވި މެސެޖް ރައީސަށް ފުރިހަމައަށް ލިބިވަޑައިގެންފި ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ. އަދި ސަރުކާރަށް ރައީސް ބަދަލުތައް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމުގެ ހައްގަށް ރައީސް މާރިއޯ އަބްދޯ ބެނިޓޭޒް އިހްތިރާމް ކުރައްވާ ކަމަށާއި، ރައީސް ސުލްހަވެރިކަމަށް ގޮވާލައްވާ ކަމަށްވެސް ކޮމިއުނިކޭޝަންސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިގެން ޕެރެގުއޭގެ އާންމުން ވެރިރަށުގެ މެދުތެރޭ ސަރަހައްދަކަމަށް އެއްވެ މުޒާހަރާ ކުރާން ފެށުމުން، އާންމުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވަނީ ހުކުރު ދުވަހުއެވެ.
މުޒާހަރާކުރި އާންމުން ފުލުހުންނަށް އޮށްގަލުން ހަމަލާދެމުން ގެންދިޔައިރު، ފުލުހުންވަނީ އާންމުންނާ ދެކޮޅަށް ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކޮށްފައެވެ.
މުޒާހަރާކުރި އާންމުންނާ ދެކޮޅަށް ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އިންޓަރ-އެމެރިކަން ކޮމިޝަން އޮން ހިއުމަން ރައިޓްސްއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ފުލުހުން ހިންގި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ތަހްގީގު ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ޕެރެގުއޭގައި ކޮވިޑް-19 ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބަލީގެ ހާލަތު ބޮޑުވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތަކަށްވެސް މިހާރު ނުކަތާވަރު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕެރެގުއޭގެ އާންމުން ހުކުރު ދުވަހު ޕާލަމެންޓް އިމާރާތުގެ ކައިރިއަށް އެއްވީ ރައީސް މާރިއޯ އަބްދޯ ބެނިޓޭޒްގެ އިސްތިއުފާއަށް ގޮވާލުމަށެވެ.
އޭގެކުރިން، ބުރާސްފަތި ދުވަހު ޕެރެގުއޭގެ ސެނޭޓުންވަނީ ހެލްތު މިނިސްޓަރ ޖޫލިއޯ މަޒޯލެނީގެ އިސްތިއުފާއަށް ގޮވާލައި ގަރާރެއްވެސް ފާސްކޮށްފައެވެ.