ފެނަކަ ކޯޕަރޭޝަނަށް މާލީ ގޮތުން ލިބެމުންދާ ފައިދާއަކީ ބޭންކު އެކައުންޓުގައި ބިލިއަލުން ފައިސާ ހުރިވާހަކަ ނޫން ކަމަށާއި އެފައިދާ ރަށްރަށުން މިހާރު ފެންނަމުންދާނެ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ މެނޭޖުމެންޓާ ޙަވާލުވިއިރު އެތަންއޮތީ ކޮރަޕްޝަނާއި ފަސާދައިގެ ހާއްޔަކަށް ވެފައި ކަމަށެވެ.

އެތަނަށް ވަޑައިގެން އެންމެފުރަތަމަ ވެސް އިސްކަން ދެއްވީ ވައްކަމާއި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވަން ކަމަށް ވެސް ވިދާޅުވިއެވެ. ކުންފުންޏަށް މިހާރު ލިބެމުންދާ ކުރިއެރުމާއި ފައިދާގެ އަސްލަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެނަކައަށްވާ ފައިދާގެ ނަތީޖާ މިހާރު ފެންނަން ހުންނާނެ ދިވެހިރާއްޖޭގެ ރަށްރަށުގައި. އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ފެންނާނެ. ޕޭރޯލުން ވެސް ފެންނާނެ. ޒަމާނީ ފެންވަރުގެ އިންޖީނުގެއާއި އޮފީސްތަކާއި އަދި އެ ރަށަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހުންނާނެ. އިންޖީނުތަކާއި ނެޓްވޯކްތަކާ ބަދަލުވެގެން އެދަނީ. އެއީ ފެނަކައަށް ލިބޭ ފައިދާއަކީ. އެއްވެސް ހާލެއްގައި ފެނަކައިގެ ބޭންކު އެކައުންޓުގައި ބިލިއަނުން ބިލިއަނުން ފައިސާ ހުންނަ ވާހަކައެއް ނޫން،" ސަޢީދު ވިދާޅުވި އެވެ.

ސަޢީދު ވިދާޅުވީ ކުންފުނީގެ ޢުމުރުން މިވީ ދުވަސް ތަކުގައި ސާފު އޮޑިޓް ރިޕޯޓެއް ނެރެފައިވަނީ ވެސް މިފަހަރު ކަމަށެވެ. އެ ނަތީޖާއަކީ ކުންފުނީގެ މެނޭޖުމެންޓަށް ގެންނެވި ހަރުދަނާ ހެޔޮ ބަދަލު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދެހާސް ނަވާރަ ވަނަ އަހަރާއި ދެހާސް ވިހި ވަނަ އަހަރަކީ ވެސް ކުންފުންޏަށް ކާމިޔާބު ދެ އަހަރު ކަމަށް ވިދާޅުވިއެވެ.

ފެނަކައިން މިހާރުވެސް ގެންދަނީ ރަށްރަށުގައިހުރި "ގެދަބުޅި އިންޖީނުގެތައް" އުވާލައި ޒަމާނާ އެއްފެންވަރަށް އިންޖީނުގެތަކާއި އޮފީސްތައް އިމާރާތް ކުރަމުންނެވެ. މިހާރު ވެސް 55 އިންޖީނުގޭގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މިއަހަރު ނިމެންވާއިރަށް ހުރިހާ އިންޖީނުގެތަކެއްގެ ހާލަތު ރަނގަޅު ކޮށްލެވޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.