މާލެ ސިޓީއަށް އިއްޔެ މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އިއްޔެ 11:37 ހާއިރުން ފެށިގެން ކުރަމުން ދިޔަ ކުރި މަސައްކަތުން މިއަދު 08:30 ހާއިރު މަގުތައް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މި ކަން ހާމަކޮށްފައިވަނީ އެ އިދާރާއިން މިއަދު ހެނދުނު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
މައުލޫމާތު ލިބިފައިވާގޮތުން އެމްއެންޑީއެފުން މިއަދު ހެނދުނު 7:45 ހާ ހަމައަށް 17 ޕަންޕެއް ބޭނުންކޮށްގެން މާލެއިން 30569 ޓަނުގެ ފެން ހިންދާފައިވެއެވެ.
އަދި މާލެގެ އިތުރުން ފެން ހިންދުމުގެ މަސައްކަތްކުރަމުންދިޔަ ގިނަ ރަށްތައްވެސް މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައި ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ. މާލޭގެ އިތުރުން ބޯކޮށްވާރޭވެހި ގެއްލުން ލިބިގެން 8 ރަށަކުން ރިޕޯޓްކޮށްފައިވެއެވެ.
މީގެއިތުރުން މާލެއަށް އިއްޔެ ހުއްޓާނުލައި ބޯކޮށް ވެހުނު ވާރޭމާއި ގުޅިގެން މާލޭގެ 36 ގެއަކަށް ފެންވަދެ ގެއްލުންވެގެން އެ ގެތަކުގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވެސް ބުނެފައިވެއެވެ.
އެންޑީއެމްއޭއިން މިހެން ބުނެފައިވަނީ އެ އޮތޯރިޓީގެ އެކްސް އެކައުންޓުގައި ރޭގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެންޑީއެމްއޭއިން އިތުރަށްބުނެފައިވަނީ މާލޭގައި ފެންބޮޑުވެގެން އެކި އެކި އެހީތަކަށް އެދި 774 ތަަނަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 554 ރިކުއެސްޓަކީ ވެލިބަސްތާ ޖެހުމަށް އެދި ލިބުނު ރިކުއެސްޓް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އަދި މާލެއިން ޒަރޫރީ ބޭނުންތަަކަށް ހުރަސް އެޅިގެން ރިޕޯޓް ކުރެވުނު 53 ގެއެއްގެ ރެޕިޑް އެސެސްމެންޓާއި އެ އޮތޯރިޓީއާއި ދިވެހި ރެޑްކްރެސެންޓާއި ފުލުހުން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެންޑީއެމްއޭގެ ޕޯސްޓަގައި ބުނެފައިވެއެވެ. ހަމައެއާއެކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައިވާ 36 ގޭގެ226 މީހުންނަށް ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ ފެންބޮޑުވެގެން ވެލިބަސްތާޖެހުމުގެ މަސައްކަތް ސިޓ ކައުންސިލާ، ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ދިވެހި ސްކައުޓުން އަދި އެމްއެންޑީއެފްގެ އިތުރުން އާންމު ފަރުދުން މަސައްކަތްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.