ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިފިއެވެ. ރައީސް އެފަދައިން ތައުރީފު ކުރެއްވީ، ދުނިޔޭގެ ބްރޭލް ދުވަސް ފާހަގަކުރުމުގެގޮތުން، ހޮނިހިރު ދުވަހު އާންމުކުރެއްވި މެސެޖެއްގައެވެ.

‎މިމެސެޖުގައި، ބްރޭލްގެ އީޖާދީ، އިންގީލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި ބްރޭލް އަދާކުރި މުހިންމު ދައުރަށް އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފައެވެ. އަދި، ބްރޭލަކީ އެފަދަ ފަރާތްތަކަށް މުޖުތަމައުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއް ކަމަށާއި އޭގެ ސަަބަބުން، އެފަދަ ފަރާތްތަކަކީ ގައުމީ ތަރައްގީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާކަަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

‎އެމަނިކުފާނުގެ މެސެޖުގައި ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

‎ރައީސް ވަނީ ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތްތަކާއި ވަސީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ގައުމެއްގެވެސް އަސާސީ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ. އަދި، މިއަދުގެ ސަރުކާރަކީ މުޖުތަމަަޢުގެ މިފަދަ ޒަރޫރީ ބޭނުންތަކަށް ރިއާޔަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭ ސަރުކާރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

‎އެ މެސެޖު އެމަނިކުފާނު ނިންމަވާލައްވާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަން ތަކުރާރުކުރައްވަމުންނެވެ.