އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2025ވަނަ އަހަރުގެ ކަލަންޑަރު ނެރެ، އާންމުކޮށް ވިއްކަން ފަށައިފިއެވެ.
މި ކަލަންޑަރަކީ ހިޖުރީ އަދި މީލާދީ ތާރީޚުތަކާއި، ރަސްމީ ބަންދު ދުވަސްތަކާއި، ނަކަތްތަކާއި އަދި ނަމާދު ވަގުތުތައް އެނގޭ ގޮތަށް ފަރުމާކުރެވިފައިވާ ކަލަންޑަރެކެވެ. ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކަލަންޑަރު ދެ ބާވަތަކަށް ބަހާލެވިގެން ވިއްކަމުން ގެންދާނެއެވެ. އެގޮތުން، ވޯލް ކަލަންޑަރު ވިއްކާނީ 25 ރުފިޔާއަށެވެ. އަދި ޑެސްކު ކަލަންޑަރު ވިއްކާނީ 50 ރުފިޔާއަށެވެ.
ކަލަންޑަރު ގަންނަން ބޭނުންވާ ފަރާތްތަކަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ވުޒާރާގެ ރިސެޕްޝަނުން ކަލަންޑަރު ލިބެން ހުންނާނެ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.
މި ކަލަންޑަރަކީ ދިވެހި ރައްޔިތުންނަށް ބޭނުންތެރި މަޢުލޫމާތުތަކެއް އެކުލެވޭ، އަދި ޚާއްޞަކޮށް އިސްލާމީ ޝިޢާރުތައް ފާހަގަކޮށްދޭ މުހިންމު ވަސީލަތެކެވެ. އަދި މި ކަލަންޑަރު މެދުވެރިކޮށް ރައްޔިތުންނަށް އިސްލާމީ ތާރީޚުތަކާއި މުނާސަބަތުތައް ފަސޭހައިން ދެނެގަނެވޭނެއެވެ.