އެމެރިކާގައި އާންމު ފަރުދުންނަށްދޭ އެންމެ މަތީ ޝަރަފް ކަމުގައިވާ "ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް" މެޑަލް ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު މެސީ ކަޓުވާލައިފިއެވެ.

ވައިޓް ހައުސްގައި އޮތް މި ރަސްމިއްޔާތަށް ހާޒިރު ނުވި ސަބަބެއް ގޮތުގައި މެސީ ވައިޓްހައުސްއަށް އެންގީ ޝެޑިއުލް މާ ބިޒީވުމުގެ ސަބަބުން މި ރަސްމިއްޔާތުގައި ބައިވެރިވެވެން ނެތް ކަމަށެވެ.

މެސީގެ އިތުރުން މިފަހަރު "ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް" ފަނަރަ ފަރާތަކަށް ދިނެވެ.

"ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް" ލިބުމާއެކު މެސީ ވެގެން ގޮސްފައި ވަނީ މި މެޑަލް ލިބުނު ފުރަތަމަ ކުޅުންތެރިޔާ ކަމުގައެވެ.

"ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް" މެސީއަށް ދިނުމަށްފަހު ވައިޓްހައުސްއިން ބުނީ މެސީއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމުގައެވެ. އަދި އިޖްތިމާއީ ހަރަކާތްތަކުގައިވެސް މެސީއަކީ ފާހަގަކޮށްލެވޭ އެތުލީޓެއް ކަމަށް ވައިޓްހައުސްގެ ބަޔާނުގައި ބުނެފައިވެއެވެ.

މެސީގެ އިތުރުން މި މެޑަލް ލިބިފައިވާ ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި ބޮކްސިން ލެޖެންޑް މުހައްމަދު އަލީ އާއި ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަން އަދި ގޮލްފް ލެޖެންޑް ޓައިގާ ވުޑްސް ފާހަގަ ކޮށްލެވެއެވެ.