މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިއަންނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ފައިސާ ދައްކާ ތަރުތީބުން ފުރުސަތު ދިނުމުގައި އަންނަނިވި ގޮތަށް އަމަލުކުރުމަށް ވަނީ ނިންމަވާފައެވެ.

މިގޮތުން ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައި ކަންކަމުގެ ތެރޭގައި ހިމެނެނީ:

ހ. އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.

ށ. ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ހާއްސަކުރުން.

ނ. ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން. ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، (ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭނަމަ އެމީހެއް) ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާއި އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ކަނޑައެޅުން.(ނޯޓު: ސިއްހީ ހާލަތު ކަށަވަރުކުރާނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށެވެ.)

ރ. ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 05 (ފަހެއް) އަހަރު ވުމުންކަމަށް ކަނޑައެޅުން.

ބ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖުގެ ހިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް (ހ)، (ނ) އަދި (ރ) އިން އިސްތިސްނާކުރުން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާދައްކައިގެން ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.