ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މާލެ އަތޮޅު ގުޅިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކ. ގުޅިއަށް ޒިޔާރަތްކުރައްވައި އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި އެ ރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން އެމަނިކުފާނު މަޝްވަރާ ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ފާހަގަކުރައްވައި، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ދަތުރުފުޅަކީ، 2024ވަނަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.