މިސީޒަނުގައި ތަފާތު މޮޅު ފޯމެއްގައި ހުރި ލިވަަޕޫލްގެ މިސްރުގެ ތަރި މުހައްމަދު ސަލާހަށް ފްރާންސްގެ ޕީއެސްޖީއިން ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފި ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގައި "ދި ޑެއިލީމެއިލް" އިން ބުނެފައި ވަނީ ޕީއެސްޖީއިން ސަލާހް އެކްލަބަށް ގެންދަން ބޭނުން ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެކަމަކު ސަލާހަށް ދޭނެ މުސާރައެއް ހާމަކޮށްފައެއް ނުވެއެވެ.

ލިވަޕޫލްއާއެކު ސަލާހް ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖުލައި މަހު ހަމަވާއިރު، އެކްލަބުން އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް އެއްވެސް މަސައްކަތެއް އަދި ނުކުރެއެވެ. ލިވަޕޫލުގެ ކޮންޓްރެކްޓް އައު ކުރުމާ ގުޅޭ ގޮތުން ލިވަޕޫލުން އަދި ސަލާހްވެސް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު، ގަތަރުގެ ޝާހީ އާއިލާގެ ހިންގަމުން އަންނަ ޕީއެސްޖީއިން ސަލާހަށް 3 އަހަރުގެ ކޮންޓްރެކްޓެއް ހުށަހެޅުމަކީ ލިވަޕޫލުގެ ސަޕޯޓަރުން ހާސްކުރުވާނެ ކަމެކެވެ. މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގާއި ޗެމްޕިއަންސް ލީގުގެ ކުރީގައި ލިވަޕޫލު އޮތުމުގައި ސަލާހުގެ ދައުރު ވަރަށް ބޮޑެވެ.