ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާ އެކު ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ހަދިޔާކޮށްފި އެވެ.
އެ ވެކްސިންގެ 12،000 ޑޯޒް މިއަދު ރާއްޖެއަށް ލިބިފައިވާކަން ހެލްތު މިނިސްޓަރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ ކުރިން ވެސް ކޮވެކްސް އިން ވަނީ ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖާއި އެހެނިހެން އާލަތްތައް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ޑަބްލިޔުއެޗްއޯ އާއި ވެކްސިން އެލަޔަންސްތައް ކަމަށްވާ ގަވީ އާއި ސެޕީއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ މަގުސަދަކީ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، މި އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.
ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިިން އެވެ. އިންޑިއާ އިން ވަނީ އެ ވެކްސިނުގެ ދެލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.
މީގެއިތުރުން ޗައިނާއިންވެސް ވަނީ ރާއްޖެއަށް އެ ގައުމުން އުފެއްދި ސައިނޯފާމް ވެކްސިންގެ 200،000 ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ. އަދި އެ ވެކްސިންގެ 5000 ޑޯޒް ވަނީ ހެޔޮއެދޭ ފަރާތަކުން ވެސް ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އާއި ރާއްޖޭ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް ހުއްދަ ދީފައެއް ނުވެ އެވެ.