ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ އެކި ދާއިރާތަކަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އެގޮތުން ބަންޑާރަ ނައިބުގެ ފަރާތްޕުޅުން މިހާރު ވަނީ އެ ގާނޫނު އުވާލުމުގެ ބިލް ޑްރާފްޓްކޮށް ރައީސް އޮފީހަށް ފޮނުއްވާފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާ ކަމަށް ބުނެ އެ މައްސަލަތައް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފަ އެވެ.

ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ބާރުތައް ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް މިރޭ އިއުލާން ކުރެއްވެވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ދޫކޮށްލެވިއްޖެ ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށެވެ.