މި ސަރުކާރުން މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އަޅާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ އެކި ދާއިރާތަކަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ކުރެވުނު ދިރާސާތަކުން މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާއެއް މާލޭގައި އެބަތިބި ކަމަށެވެ. މާލެ ސަރަހައްދުގައި މި ސަރުކާރުން 15،000 ހައުސިން ޔުނިޓް އަަޅަން ނިންމިޔަށް އެމަނިކުފާނު ވައުދުވެވަޑައިގަތީ 10،000 ހައުސިން ޔުނިޓް އަޅަން ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު 1،000 ހަައުސިން ޔުނިޓްގެ މަސައްކަތް ފެށި ފައުންޑޭޝަންގެ މަސައްކަތް ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެމްބީސީސީއާއެކު އެގްރިމަންޓްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މާދަމާވެސް އިތުރު 2،000 ހައުސިން ޔުނިޓްގެ އެއްބަސް ވުމުގައި ސޮއިކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްގެން 180 ޔުނިޓްގެ މަސައްކަތް އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ޗައިނާގެ ސައިނޯޙައިޑްރޯ ކުންފުންޏާއެކު 1،700 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ ޗައިނާގެ ސީއެމްސީ ކުންފުނިން 1،344 ހައުސިން ޔުނިޓް ހުޅުމާލޭގައި އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ސްރީލަންކާގެ ޖެޓް ހޯލްޑިންގްސް އާއެކު 850 ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން 33 ޔުނިޓެއްގެ މަސައްކަތް ކުރަން ނިންމާފައިވާއިރު، އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ހައުސިން ޔުނިޓް އެޅުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.