މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރި "އިމިގްރޭޝަން ވޮޗް" އޮންލައިން ޕްލެޓްފޯމަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 1000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ބަލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ޖުލައި 17 ވަނަ ދުވަހު ތަޢާރަފުކުރެވުނު މި ޕްލެޓްފޯމް މެދުވެރިކޮށް، ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 1061 މައްސަލަ ބަލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. ނޮވެމްބަރު މަހުގެ ނިޔަލަށް 1017 މައްސަލަ ހުށަހެޅިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. މިފަދަ 239 މައްސަލަ ހުށަހެޅިފައިވާއިރު، ވޯކް ވިސާއާ ގުޅޭ 239 މައްސަލައާއި، ހަށިވިއްކުމުގެ 65 މައްސަލަވެސް ހުށަހެޅިފައިވެއެވެ. މީގެއިތުރުން، ވަޒީފާއިން ފިލުމުގެ 41 މައްސަލަ، ޓޫރިސްޓް ވިސާއާ ޚިލާފުވުމުގެ 14 މައްސަލަ، އަދި އެމްޕްލޯޔަރ ސްޕޮންސަރޝިޕާ ޚިލާފުވުމުގެ 12 މައްސަލަ ހުށަހެޅިފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ވިސާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ 12 މައްސަލަ، އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ، އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ 10 މައްސަލަވެސް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި މީގެ އިތުރުން، އާންމު ސިއްޙަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުންދިޔަ 8 ތަނެއްގެ މައްސަލަ، ހިއުމަން ޓްރެފިކިންގގެ 7 މައްސަލަ، އަދި ބްލެކް މާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަވެސް ވަނީ ހުށަހެޅިފައެވެ.
"އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމަކީ ރާއްޖޭގައި ދިމާވާ އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ފަސޭހަކަމާއެކު ރިޕޯޓުކުރުމަށް ތަޢާރަފުކުރެވުނު ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން، އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް އަވަހަށް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.