މިއަހަރު ހުރިހާ މެޗަކުން މޮޅުވެ މެދު އުޑުގައި ފިޔަޖަހަމުން ދިޔަ މެންޗެސްޓަރ ސިޓީ 0-2 އިން ބަލިކޮށް ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން އެޓީމު ހަމަބިމަށް ތިރިކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ޔުނައިޓެޑާ ދެކޮޅަށް ސިޓީއިން ނިކުތީ އިނގިރޭސި ފުޓްބޯޅައިގެ ތާރިހުގައި ޖެހިޖެހިގެން 21 މެޗް ހަމަކޮށް ރެކޯޑް ހެދުމަށްފަހުއެވެ. މެޗް ފަށައިގެން ޔުނައިޓެޑުން ލީޑް ނެގީ ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްއެވެ. މިލަނޑަށްފަހު ފުރަތަމަ ހާފް ނިމުމާއި ހަމައަށް މެޗް ކޮންޓްރޯލްކޮށް ކުޅުނީ ސިޓީއިންނެވެ. ސިޓީއަށް ލަނޑު ޖަހަން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ފޯވާޑް ގެބްރިއަލް ޖީސަސްއަށެވެ. އޭރިޔާގެ ތެރެއަށް ވިންގަރ ރިޔާދް މަހެރޭޒް ހުރަސްކޮށްދިން ބޯޅަ ދިޔައީ ޖީސަސްގެ ފަގައި ލައްވައި ނުލައި ދަނޑި ކައިރިން ބޭރަށެވެ. އޭގެ ކުރިން ސިޓީގެ ޑިފެންޑަރު ޒިންޗެންކޯ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރީ ތަޖުރިބާކާރު ކީޕަރު ޑޭވިޑް ޑެހެޔާގެ ބަދަލުގައި ގޯލު ބަލަހައްޓަމުންދިޔަ އިނގިރޭސިވިލާތުގެ ޒުވާން ކީޕަރު ޑީން ހެންޑަސަންއެވެ.

ސިޓީގެ ޑިބްރޭނާ ފޮނުވާލި ހިލޭޖެހުމެއް ޔުނައިޓެޑުގެ ކީޕަރު ހެންޑަސަން އަތުން ޖައްސައި ދަނޑި މަތިން ފޮނުވާލަނީ.

ދެވަނަ ހާފް ފަށައިގެން މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް ސިޓީއަށް މައްސަލަތަށް ކުރިމަތިވީ 50 ވަނަ މިނެޓުގައި ޑިފެންޑަރު ލޫކް ޝޯގެ ލަނޑުން ޔުނައިޓެޑުން ލީޑް ފުޅާ ކުރުމުންނެވެ. ދެލަނޑުގެ ލީޑެއް ލިބުމާއެކު ޔުނައިޓެޑުގެ ކުޅުންތެރިން ވަނީ އިތުރު ލަނޑެއް ޖެހުމަށް އިސްކަންދީ، ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ ކުޅުން ބަދަލުކޮށްލާފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފޯވާޑް އެންތަނީ މާޝިއަލްއަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުމެވެ. އެކަމަކު ސިޓީގެ އޭރިޔާގެ ތެރޭގައި ހުހަށްހުރެ މާޝިއަލް ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރި އެންޑަސަން ދިފާއު ކުރީއެވެ.

ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ފޯވާޑް ޖީސަސްގެ ބަދަލުގައި ޒުވާން އެޓޭކިންގ މިޑްފީލްޑަރު ފިލިޕް ފޯޑެން މެޗުގެ 68 މިނެޓުގައި އަދި އޭގެ ކުޑަ އިރުކޮޅެއްފަހުން ޑިފެންޑަރު ކެންސަލޯގެ ބަދަލުގައި ކައިލްވޯކާ ކުޅެން އަރުވައި ވިންގަރ ރަހީމް ސްޓަރލިން ސެންޓަރ ފޯވާޑުގެ މަގާމަށް ޖައްސައި ހަމަލާތައް އުފައްދަން ފަށާފައެވެ. މިއާއެކު މެޗުގެ ފަހު ދިހަވަރަކަށް މިނެޓުގެ ތެރޭގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތައް ސްޓާލިން އާއި ފޯޑެން އަދި ޖޯން ސްޓޯނަށް ލިބުނެވެ. އެކަމަކު މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭނެ ގޮތެއް ނުވިއެވެ.

ލަނޑުޖަހަން ލިބުނު ރަނުގެ ފުރުސަތެއް ބޭކާރުވުމުން ސިޓީގެ ސްޓޯން މާޔޫސްވެފައި.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމް އަތުން 2-0 އިން ބަލިވި މެޗަށްފަހު ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ. މިމުއްދަތުގައި ސިޓީއިން ވަނީ 28 މެޗް ބަލިނުވެ ހަމަކޮށްފައެވެ. މިމުއްދަތުގައި ޖެހިޖެހިގެން 21 މެޗް ހަމަކޮށް އިނގިރޭސި ފުޓްބޯޅައިގެ ތާރިހުގައި މުޅިން އައުސަފްހާއެއް ސިޓީއިން ވަނީ ލިޔެފައެވެ. އަނެއްކޮޅުން މިއީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ މައްޗަށް ޔުނައިޓެޑުގެ ކޯޗް އޮލެގުނަ ސޯލްޝެއާ ހޯދި 4 ވަނަ މޮޅެވެ. ސޯލްޝެއާގެ މައްޗަށް ގާޑިއޯލާއަށް ކުރި ހޯދިފައި ވަނީ ތިން މެޗުގައެވެ.

މިމެޗުން ބަލިވިނަމަވެސް ތާވަލުގެ ކުރީގައި ސިޓީ އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ސިޓީއަށް 65 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި ޔުނައިޓެޑް އޮތީ 54 ޕޮއިންޓާއެކުއެވެ. ލީގުގައި ސިޓީ ދެން ބައްދަލު ކުރާނީ އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަންއާއެވެ. ލީގުގައި ޔުނައިޓެޑަށް ކުރިއަށް އޮތީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ވެސްޓްހޭމްއާ ބައްދަލު ކުރަން ޖެހޭ މެޗެވެ.