މި ޖަނަވަރީ މަހުގެ ތެރޭގައި، ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން އިއުލާންކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ނަޑެއްލާގެ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ، 2008 ވަނަ އަހަރު ތަރައްގީކޮށްފައިވާ، ރަށަށް މިހާރު އައިސްފައިވާ ތަރައްގީއާ ނުބައްދަލު ބަނދަރެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް، އެ މަޝްރޫއުގެ ތެރެއިން ހައްލެއް ގެނެވޭނޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން، ނަޑެއްލާގައި ޒަމާނާ އެކަށީގެންވާ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި، ސްކޫލާއި ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ކުރައްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތައް ކަމުގައިވާ، ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ދަނޑު އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް މި އަހަރު ފެށޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުވަދުއަތޮޅުގައި ފުލުހުންގެ ހިދުމަތް ނުލިބޭ ހަމައެކަނި ރަށެއްގެ ގޮތުގައި ނަޑެއްލާ އޮވެގެން ނުވާނޭކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ނަޑެއްލާގެވެސް އާބާދީގެ ނިސްބަތުން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމަށް ގާއިމުވެ ތިބޭ ފުލުހުންގެ ހިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ރައީސް ވަނީ، ނަޑެއްލާގެ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ވަރަށް ފަރުވާތެރިކަމާއެކު ސަރުކާރުން މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން އެގޮތުގައި ދެއްވަމުން ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.