ރައްޔިތުންގެ މަޖިލީސް ދެން އަންނަ ދައުރަށް ހުޅުވޭ ފުރަތަމަ ހަފުތާ ތެރޭ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ހުށަހަޅަންޖެހޭ އިސްލާހު، ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގދ. ވާދޫ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށްޓަކައި ވަޒީފާއާބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް އިސްލާޙް ގެންނަވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ދެ އިސްލާޙްގެ ތެރޭގައި މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރު އެލަވަންސެއްގެ ގޮތުގައި ފައިސާ ދެމުންދާތީ، އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަން ހަމަޖައްސައިދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް އެ މަނިކުފާނުގެ ވާހަކަފުޅުގައި ތަފްސީލުކޮށްދެއްވިއެވެ.

ރައީސް ވާހަކަފުޅުގައި، މި ބަދަލަކީ މިދިޔަ އެއް އަހަރުތެރޭ އެ މަނިކުފާނަށް ބައްދަލުކުރެއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ހުރިހާ ކޮމިޓީތަކަކުންވެސް އެދިލެއްވި އެއް ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެގޮތުން މި އިސްލާހުތައް ގެނެސް އިރާދަކުރެއްވިއްޔާ، އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައިވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭނެ ކަމަށާއި އަދި އެ އެލަވަންސަކީ މުސާރަ ލިބޭ އެހެން މުވައްޒަފުންނަށް ލިބޭ ކަހަލަ މުސާރައިގެ ހައިސިއްޔަތު ލިބިފައިވާ އެއްޗަކަށް ބަދަލުކުރެވޭނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ފުލްޓައިމްކޮށް ވަޒީފާއަށް ނުކުންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، މިހާރުވެސް މަސައްކަތް ކުރައްވާ އުސޫލުން މަސައްކަތް ކުރެއްވުމުން އެ އިނާޔަތްތައް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

އަންހެން ކަނބަލުންނަކީ ކޮންމެ ރަށެއްގެވެސް ރަށު ތަރައްގީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށްވާއިރު، އެކަމުގެ އަގުވަޒަންކުރައްވަން ބޭނުންފުޅުވާކަމުގައި ރައީސް ވާހަކަފުޅުގައި ވިދާޅުވިއެވެ. އެކަމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަކީ ހަމަހަމަކަމާ އެކީގައި، އެއް ހައިސިއްޔަތެއް ލިބިގެން، ރަށުގެ އަދި ގައުމުގެ ތަރައްގީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށާއި އެކަމަކީ ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަތިފަޑީގައި، ޓޮޕް މެނޭޖްމަންޓުގައި އަންހެން ބޭފުޅުންނަށް ޖާގަ ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ހުރިހާ ސަރުކާރުތަކާ އަޅާކިޔާއިރުގައި، މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިން އަދި އެހެނިހެން އިސް ލެވެލްތަކުގައިވެސް އެންމެ ގިނަވާނީ އަންހެން ބޭފުޅުން ކަމަށާއި މީގެ ކުރިން އަންހެން ބޭފުޅަކު ލީޑް ނުކުރާ މުއައްސަސާތަކުގައި ގައުމީ ލެވެލްގައިވެސް މިހާރު އަންހެން ބޭފުޅުން ތިއްބަވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަންހެން ބޭފުޅުން ކުރައްވާ މަސައްކަތުގައި، އެ ދޭންވާ "ރެކޮގްނިޝަން" ދީ، ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސް ވިދާޅުވިއެވެ.