މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަޝްރޫޢުތަކުގެ އަދާހަމަ ތަފްސީލު ޢާންމުކޮށް ފެންނާނެ "ޕްރޮޖެކްޓް ޑޭޝްބޯޑެއް" ތަޢާރަފުކޮށްފިއެވެ.
މި ޑޭޝްބޯޑަކީ އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ، (ރިޓަޔަރޑް) ޑީ.ސީ.ޕީ އަޙްމަދު ސަޢުދީގެ އިސްނެންގެވުމާއި އިރުޝާދުގެ މަތިން އުފައްދާ ބިނާކޮށްފައިވާ އޮންލައިން ނިޒާމެކެވެ.
މި ޑޭޝްބޯޑުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ފަސޭހައިން އެމްޓީސީސީއިން ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ބެލޭނެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މިހާރު ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެންވެސް އެމްޓީސީސީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް މި ޕްރޮޖެކްޓް ޑޭޝްބޯޑް މެދުވެރިކޮށް ފޯނުންވެސް ބަލައިލެވޭނެއެވެ.
އެމްޓީސީސީގެ އެތެރޭގެ ޓީމަކުން ފަރުމާކޮށް ތައްޔާރުކޮށްފައިވާ މި ޑޭޝްބޯޑު މެދުވެރިކޮށް ލިބެން ހުންނާނެ މަޝްރޫޢުގެ ތަފްސީލުގެ ތެރޭގައި، މަޝްރޫޢުގެ ބާވަތާއި، ކުރެވޭނެ މަސައްކަތްތަކާއި، އަގާއި، ނިމިފައިވާ ޕަސަންޓާއި އަދި އެންމެ ފަހުގެ ސްޓޭޓަސް ހިމެނެއެވެ. މި ހުރިހާ މަޢުލޫމާތަކީވެސް އެމްޓީސީސީގެ އޮންލައިން ޕްރޮޖެކްޓް މެނޭޖްމަންޓް ސިސްޓަމްގެ އެހީގައި ވަގުތުން އަދާހަމަކުރެވިފައިވާ އެންމެ ފަހުގެ މަޢުލޫމާތެވެ.
މީގެ އިތުރުން، މި ޕްރޮޖެކްޓް ޑޭޝްބޯޑު ބޭނުންކޮށްގެން ރައްޔިތުންނަށް މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދޭނެ ގޮތުގެ ޓިއުޓޯރިއަލްއެއްވެސް ވަނީ އިއްޔެ އެމްޓީސީސީގެ ހުރިހާ މީސްމީޑިއާ މަންސަތަކުގައި ހިއްސާކޮށްފައެވެ