ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ޤައުމީ ކޮމްޕިއުޓަރ ވިއުގަ (އެން.ސީ.އެން) ހަރުދަނާކޮށް، އޭގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ދިރާސާއެއް ހެދުމަށް ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ހިންގޭ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ އެސްޑީވޭން ޓެކްނޯލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކާއި އެ އިދާރާތަކުގެ ބްރާންޗްތައް އެއް ވިއުގައެއްގެ ތެރެއިން ގުޅާލުމަށް އެންމެ އެކަށީގެންވާ ޓެކްނޯލޮޖީއެއްތޯ ބެލުމެވެ.
އެން-އޭބަލް ޕްރައިވެޓް ލިމިޓެޑުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) ގެ ރިކުއަޔަމަންޓްތަކާ އެއްގޮތަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
އެން.ސީ.އެން އަކީ އެން.ސީ.އައި.ޓީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ޤާއިމްކޮށްފައިވާ، ސަރުކާރުގެ އިދާރާތަކުގެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކޮމްޕިއުޓަރ ވިއުގައެކެވެ. 2000 އަހަރުތަކުގައި ސެޓެލައިޓް މެދުވެރިކޮށް ފެށުނު މި ވިއުގަ، 2014 އިން ފެށިގެން ބޭނުންކުރަމުންދަނީ ދިރާގު އަދި އުރީދޫގެ މުވާސަލާތީ ވިއުގައިގައެވެ.
މި އެއްބަސްވުމުގެ ސަބަބުން ސަރުކާރުގެ ޑިޖިޓަލް ވަސީލަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.