ފުވައްމުލަކަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރަށެކެވެ. އެހެން ކަމުން ތިމާވެށީގެ ގޮތުން އެރަށަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭންޖެހެއެވެ.

ފުވައްމުލަކަކީ ފެހި ޖަޒީރާއެކެވެ. މޭވާއާއި މާމެލާމެއްޔަކީ މިރަށުގެ ފަޚުރެކެވެ. މިއީ ރުއްގަސް ގިނަ ފެހި ރަށެކެވެ. ނަމަވެސް މި ފެހިކަން މިހާރު ދަނީ މަޑުމަޑުން ނެތެމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިރަށުން "ފުވައްމުލައްވަންތަކަން" ގެއްލިދިއުމަކީ ވެދާނޭ ކަމެކެވެ. ނަމަވެސް މިއީ އެކަކު ވެސް އެދޭނޭކަމެއް ނޫނެވެ. އެހެކަމުން ޒަމާނުއްސުރެން ރަށަށް ލިބިފައިވާ ރުއްގަހުގެ ފެހިކަމާއި މަޝްހޫރުކަން ހިފަހައްޓަންޖެހެއެވެ.

ރައްޔިތުންނާއެކު މިކަން ކުރެވޭނީ ހީވާގި، ކެރޭ ލީޑަރަކަށެވެ. ވިސްނުންތެރިކަމާއި ޔަގީންކަމާއެކު ކަންކަން ނިންމަންކެރޭ ރަނގަޅު ވެރިއަކަށެވެ. އޭބޭފުޅަކީ ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ކުރިމަތިލައިފައިވާ ކެންޑިޑޭޓް އިސްމާޢީލް ރަފީގެވެ.

އެރަށަކީ ތަފާތު ވައްތަރުގެ މޮޅު ލަކުޑި ހެދޭ ރަށެކެވެ. އޭގެ ތެރޭގައި ފުނަ، ކާނި، ދަނބު މިއީ މަޝްހޫރު ބާވަތްތަކެކެވެ.

އެކި މުހުތާދުތަކަށް ގަސްތައް ކެނޑުމުގެ ސަބަބުން އެރަށުން މިހާރުވަނީ ހުރިހާ ބާއްވަތެއްގެ ގަސްގަހާގެހި މަދުވެފައެވެ. އެހެން ކަމުން ފުވައްމުލަކާއި އެހެން ރަށްރަށާ އެންމެބޮޑަށް ތަފާތުކޮށްދޭ ފަޚުރުވެރި ސިފަ ވަނީ ކުޑަވެފައެވެ. މިސަބަބާހެދި ރަށުގެ ފެހިކަމާއި ފެހިކަމުގެ ފަޚުރެވެރިކަން އަނބުރައި ގެނެސްދީ އެކަން ހިފެހެއްޓުމަކީ އިސްމާޢީލް ކުރައްވަން ބޭނުންފުޅުވާ ކަމެކެވެ. އެކަން ކޮށްދެއްވުމަށް އޭނާ ހުންނެވި ތައްޔާރަށެވެ. ހާލަތު ގޯސްވީ ސަބަބާއި އެ ސަބަބުތަކާ ގުޅިގެން ދެންކުރައްވަންވީ ކަންކަން ރާއްވަވައިގެންނެވެ. އެ ރޭވުން އިސްމާޢީލްގެ އަތުގައި އެބައޮތެވެ.

ރަށް ފެހި ކުރުމަށް ގަސްއިންދުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ރަށުގެ ގަސްގަހާއިގެހި ހިމާޔަތްކޮށް އާލާކުރުމުގެ ގޮތުން ނާސަރީއެއް ހިމެނޭގޮތަށް ބޮޓަނިކަލްގާޑަން އެއް ހެދުމަކީ އިސްމާޢީލުގެ ވިސްނުމެކެވެ. އިސްމާޢީލް ވިދާޅުވީ އޭނާގެ މޭޔަރު ކަމުގައި ރަށުގެ ތަންތަން ލޭންޑްސްކޭޕް ކުރާއިރު ގަސްގަހާގެހި ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބޭނުންކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ. "އޭގެ އިތުރުން ގަސް އިންދުމުގައި ރަށުގައި އާންމުކޮށް ހެދޭގަސްގަހަށް އިސްކަން ދޭނަން. އަދި ރަށުގެ ނަމާ ގުޅިފައިވާ ގަސްގަހާގެހި ގިނައިން އިންދާ އާލާކުރަން މަސައްކަތްކުރާނަން. މިސާލަކަށް ފެންފޯއްރުއް. މިއީ ހައްދައި އާލާކޮށްގެން ވިޔަފާރިއަށްވެސް ބޭނުން ކުރެވިދާނެ އެއްޗެއް،" އިސްމާޢީލް ވިދާޅުވިއެވެ. ރަށުގައި ހެދޭ ބަގީޗާއާއި މޭވާ ގަސްތައްވެސް އާލާކޮށްގެން ވިޔަފާރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ދުޅަހެޔޮ ވެށްޓަކާއި، ފަޚުރުވެރި ނަމަކާއެކު އިގްތިސާދީ ގޮތުން ވެސް ރަށަށް ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމަށް އޭނާ ގަބޫލުފުޅު ކުރައްވައެވެ.

ފެންފަށަލަ ހިމާޔަތް ކުރުން

ތިމާވެއްޓަށް އަންނަމުދާ ބަދަލުތަކާއި އާބާދީ އިތުރުވެ ފެންބޭނުންކުރާ މިންވަރު އިތުރުވުމުން ފުވައްމުލަކު ސިޓީގެ މީރުފެންފަށަލައަށް އަންނަނީ ނޭދެވޭ އަސަރު ކުރަމުންނެވެ. އެހެން ކަމުން އެ އަންނަމުންދާ ބަދަލުތައް ދެނެގަނެ، ފެންފަށަލަ ހިމާޔަތް ކުރަން މަސައްކަތް ކުރުމަކީ އިސްމާޢީލްގެ މޭޔަރު ކަމުގައި ވަރަށް އިސްކަން ދެއްވާނެ ކަމެކެވެ. އޭނާ ވިދާޅުވީ ރަށުގެ ފެންފަށަލަ ރަނގަޅު ކުރުމަށް މަސައްކަތް ކުރެއްވުމަކީ ސިޓީ ކައުންސިލުން އެންމެ އިސްކަން ދެއްވާނެ އެއްކަންތައް ކަމަށެވެ.

ރަށްގިރުމުގެ މައްސަލައަށް ހައްލެއް

ފުވައްމުލަކީ ކަނޑުމެދުގައި އޮންނަ ވަކި ރަށެކެވެ. ވަށައިގެން ނަގާ ރާޅާއި އޮއިވަރުގެ ސަބަބުން އެރަށަށް ވެސް ވަނީ ގިރުމުގެ މައްސަލަ ކުރިމަތިވެފައެވެ. ރަށުގެ އެކިދިމަދިމާއިން ވަރަށް ބޮޑަށް އަންނަނީ ގިރަމުންނެވެ. ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ބާރުއެޅުމަކީ އިސްމާޢީލް އެންމެ އިސްކަން ދެއްވާނެ އެއްކަންތަކެވެ.

ކަރަންޓަކީ ވެސް ތިމާވެއްޓާ ގުޅުންހުރި އެއްޗެކެވެ. އެހެން ކަމުން އިސްމާޢީލް ވިދާޅުވީ އެރަށުގައި ސޯލާ ކަރަންޓު އުފައްދައި ބޭނުން ކުރުމަށް ބާރުއަޅުއްވައި އެކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ކުނީގެ މައްސަލަ

ކުނީގެ މައްސަލައަކީ ވެސް އެރަށުގައި ހައްލު ކުރަންޖެހި ނުކުރެވިފައިވާ ބޮޑު މައްސަލައެކެވެ. އެކަމަށް ހައްލެއް ގެނެވޭނެ އެއްގޮތަކީ ކުނި އުފައްދާ މިންވަރު މަދުކޮށްގެންނެވެ. އެކަން ކުރެވޭނީ ރައްޔިތުންނަށެވެ. އިސްމާޢީލް ހުންނެވީ ރައްޔިތުންނާއެކުގައެވެ. އިސްމާޢީލް ވިދާޅުވީ އެކަން ކުރެއްވުމަށްޓަކައި އުކާލާ އެއްޗެހީގެ ތެރެއިން ބޭނުން ހިފޭނެ އެއްޗެހި ވަކިކޮށް އޭގެ ބޭނުން ކުރެއްވުމާއި ކޮމްޕޯސްޓް މެޝިން ބޭނުންކޮށްގެން ކޮމްޕޯސްޓް ހެދުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. "ކުންޏާ ބެހޭގޮތުން މީހުން އިތުރަށް ހޭލެންތެރިކޮށް ފަރުދީ ޒިންމާ ވިސްނައި ދިނުމަކީވެސް މުހިންމު ކަމެއް،" ކަމަށް އޭނާ ވިދާޅުވިއެވެ.

އަސާސީ ޚިދުމަތްތައް

އިސްމާޢީލް ދެކެވަޑައިގަންނަވާ ގޮތުގައި ފުވައްމުލަކަށް ލިބިފައިވާ ސިޓީގެ ދަރަޖައާ އެއްވަރަށް ރަށް ވެސް ތަރައްގީވާން ޖެހޭނެއެވެ. ތަނެއް އެންމެބޮޑަށް ތަރައްގީވާނީ އެވިސްނުން މީހުންގެ ސިކުނޑީގައި އަށަގަނެގެންނެވެ. އެއާ އެއްވަރަށް އެކަން ހާސިލް ކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ. ސީޓީއެއް ކަމަށްވަންޏާ އެންމެ އަސާސީ ކަންކަން ވެސް ދަތިކަމެއްނެތި ލިބެން ހުންނަންޖެހެއެވެ. އެގޮތުން ބޯފެނާއި ނަރުދަމާގެ ނިޒާމު ފުރިހަމަވެފައި ވުމަކީ ޤާނޫނުން ލާޒިމް ކޮށްފައިވާ އަސާސީ ހައްގެކެވެ. އެކަން ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އާންމު ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ހޮސްޕިޓަލުން ލިބޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ޕެރަމެޑިކްސް އަދި އިމަޖެންސީ/ކްރިޓިކަލް ކެއަރ ފުރިހަމައަށް ލިބުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ރަށުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަކޮށް ހުނަރުވެރި ކުދިން އުފެއްދުމަކީ މުސްތަގުބަލަށް ކުރެވޭނެ އެންމެ މުހިންމު އިންވެސްޓްމެންޓް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅިވަރު

ކުޅިވަރަކީ ޒުވާނުންގެ ހަށިގަނޑު ތަރުބިއްޔަތު ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެހެން ކަމުން އެރަށުގައި ކުޅިވަރު ކުޅޭނެ ބިންތަކާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިސްމާޢީލް ވިދާޅުވިއެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީއާއި، އެސޯސިއޭޝަންތަކާއި، ކްލަބް ޖަމްއިއްޔާތަކާއި ގުޅިގެން ކޯޗިން އަދި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް އެރަށުގައި ހިންގުމާއި، ކުޅިވަރު ކުރިއެރުވުމުގައި ކްލަބް ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރައްވާނެ ކަމަށް ވެސް އިސްމާޢީލް ވިދާޅުވިއެވެ.

"ސަރަހައްދީ، ގައުމީ އަދި ބައިނަލް އަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ހޯދުމަކީ ރަށަށް ލިބިގެންދާނެ ކުރިއެރުމެއް. އެކަން ހާސިލް ކުރުމަށްޓަކައި ރިކްރިއޭޝަނަލް ފެސިލިޓީތައް ގާއިމުކުރުމާއި، ވޯޓަރ ސްޕޯޓްގެ ކުޅިވަރުތައް އާލާ ކުރުމާއި އިންޖީނު ނުލާ އުޅަނދު ބޭނުންކޮށްގެން ވޯޓާ ސްޕޯޓްސް ގެ ކުޅިވަރުތައް ކުޅީގެ ވަކި ހިސާބެއްގައި ކުރިއަށް ގެންދެވޭނެތޯ ބެލުމަކީ ރަނގަޅުކަމެއް ކަމަށް އަޅުގަނޑު ދެކެން،" އިސްމާޢީލް ވިދާޅުވިއެވެ.

ސިޓީއެއް ތަރައްގީކޮށް ކުރިއަރުވާނޭ ހުރިހާ ވިސްނުމެއް މިކެންޑިޑޭޓުގެ އެބަހުއްޓެވެ. އެކަން ތަންފީޒުކުރުމުގެ ހުނަރާއި ވާސީލަތްތައް ހޯދާނޭ ގޮތުގެ ތޫނުފިލިކަން ވެސް މިކެންޑިޑޭޓުގެ އެބަހުއްޓެވެ. އެހެންވީމާ ސިޓީގެ މުސްތަގުބަލް އުޖާލާ ކުރުމަށް އިސްމާޢީލް ރަފީގު އިޚްތިޔާރު ކުރުމަކީ އޭނާ މިވަގުތު އެންމެބޮޑަށް އެދޭ އެދުމެވެ. ރައްޔިތުންނާއި އަމިއްލަ ރަށަށް ޓަކައެވެ.