މިއީ ކަންބޮޑުވުމާއެކު ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ސީދާ ދެވޭނީ އެޗުޕީއޭއަށެވެ. އެހެންނަމަވެސް އެތަނުން ދެއްވާ އިރުޝާދާއި ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު ބައެއްކަންކަން އަމިއްލައަށް ވެސް ފާހަގަ ކުރެވިދާނެއެވެ.

އެއްފަހަރާ 5 މީހުންނަށް ވުރެ ގިނައިން އެއްނުވާން އެޗުޕީއޭއިން އެނގެވިއެވެ. ނަމަވެސް އެކަން އެގޮތަށްދާތަނެއް ނުފެނެއެވެ. ނުވަތަ އެއަށް ޢަމަލުކުރަނީ މަދުބައެކެވެ. ގައިދުރުކޮށްގެން އުޅެން އެންގުމުން އެކަންވެސް ފެންނަނީ ބައެއް މީހުންގެ ފަރާތުންނެވެ. ކެފޭރެސްޓޯރެންޓުތަކަށް ގޮސް ތިބޭއިރު ކަމެއް ވެގެން އުޅޭހެންވެސް ބައެއް މީހުންނަށް ހިއެއްނުވެއެވެ. ގައިދުރުކުރުން އެއީ އޮންނަ އެއްޗެއް ކަމެއްވެސް ހިތަށް ނާރައެވެ. މާސްކު އަޅަން ބުނީމައި ގިނަމީހުންނަށް ހީވެފައި އޮންނަނީ އެއީ ދަތްދޮޅީގައި އަޅާ އެއްޗެއް ކަމަށެވެ.

"އިއްޔެރޭ ފަތިހު ކަސްރަތަށް ނުކުމެ އުޅެނިކޮށް ފެބުނީ ދަތުރުދާން ތައްޔާރަށް ތިބި ގުރޫޕެއް. ފުރަން އައިސް އެމީހުން ތިބީ ބަނދަރު ތޮށިގަނޑުމަތީގައި. އެމީހުންގެ މާސްކުތައް ވަނީ ދަތްދޮޅީން ތިރީގައި. މި ގޮތަށް ދަތުރު ދާން ތައްޔާރުވެގެން ތިބި ހައެއްކަ ގުރޫޕާ ދިމާވި. ކޮންމެ ގުރޫޕެއްގައި މަދުވެގެން 8 މީހުން ތިބޭނެ. މި ތަނުން އެއްގުރޫޕެއްގައި ތިބި ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިން ފުރުން ލަސްވެގެން މުނިފޫހި ފިލުވުމަށް ބާރަށް ލަވަ ޖަހާ ނަށަނީ. ވަރުގަދަކުރި ފިޔަވަޅުތައް އެމީހުންނާ ހަމައަށް ފޯރާފައި ނުވަނީ ކަމަށް ވެސް ވެދާނެ. އަޅުގަނޑުމެން މާސްކު އަޅައިގެން އެއްބައި މީހުން މާސްކު ނާޅައި އަދި ގައިދުރުކުރުމެއް ނެތި އުޅުމަކުން މިކަމަށް އަލިމަގެއް ނުފެންނާނެ،" އާންމުކޮށް ފަތިހު ހިނގާލަން ނުކުމެ އުޅޭ މީހަކު ބުންޏެވެ.

ރޯދަ ސޭލް އަޅުވާފައިވާ ފިހާރަތަކުގައި މީހުން އެތިބީ ތޮއްޖެހިފައެވެ. އަގު ހެޔޮކޮށް ތަކެތި ގަންނާށެވެ. ރޯދައަށް ތައްޔާރުވާށެވެ. ނަމަވެސް މި ދުވަސް ވަރުގެ ޙާލަތަށް ބަލައި ބާޒާރު ކުރުމުގެ އުސޫލަށްވެސް ބަދަލު ގެންނަން ޖެހެއެވެ. ސޭލް އަޅުވާފައިވާ ފިހާރަ ތަކުން ވެސް މިކަންތައް ތަކަށް ނުވިސްނާ ހަމަ އެކަނި ވިޔަފާރީގެ ފައިދައަށް ވިސްނައިގެން އަދަދުތައް ދަށެއް ނުކުރެވޭނެއެވެ. މި ބަލި މަޑުކަމުން އަރައި ގަތުމަށް އެންމެން އެއްބާރުލުން ދޭން ޖެއެވެ. ވިޔަފާރި ކުރުމާއި އެހެނިހެން މުއާމަލާތްތަކުގައި ވެސް އެޗުޕީއޭގެ ގައިޑްލައިނަށް ތަބާވާން ޖެހެއެވެ. އެހެން ނޫނީ ހައްތާ ވެސް ކޮޑިވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ.

ގަދަވެ ސަލާމަތުން ދުނިޔޭގައި ތިބިއްޔާ ދަތުރު ވެސް ދެވިދާނެއެވެ. މާސްކް ތައް ނޭފަތާއި އަނގަމަތި ނިވާވާ ހިސާބަށް ތިރިކޮށްގެން އުޅުމަކީ އެންމެންގެ މައްސޫލިއްޔަތެކެވެ. ފަރުދީ ޒިންމާ އަދާ ކުރާށެވެ. ކޮވިޑް ފެތުރެނީ އަޅުގަނޑުމެންގެ ސަބަބުން ކަމަށް ނުހަދަމާ ހިނގާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.