ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމުގައި އަންހެނުންނާއި ފިރިހެނުން އެއްހަމައެއްގައި ބައިވެރިވުމީ ވަރަށް މުހިންމު ކަމެއް ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުގައި މުޅި މުޖުތަމަޢުގެ މަޞްލަޙަތު ހިމާޔަތްކުރެވޭ ގޮތަށް ކަންކަން ނިންމޭނީ ވެސް ބަސް ބުނުމުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ދީގެން ކަމަށެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ ވެސް މުޖުތަމަޢުގައި ހުރި މިންތީގެ ތަފާތުތައް ނައްތާލައިގެން ކަމަށެވެ.

މުޖުތަމަޢު ތެރޭގައި އަންހެނާގެ ޝަޚުސު އަދި އަންހެނާގެ ކުރިއެރުމާއި މެދު އުފެދިފައިވާ ޚިޔާލުތަކާއި ފިކުރުތަކަކީ ހަމައެކަނި އަންހެނުން މަސައްކަތްކޮށްގެން ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "މިފަދަ ޤަބޫލުކުރުންތަކާއި ވިސްނުން ބަދަލުކުރުމަކީ އާއިލާ ތެރެއިން، ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި އަދި މުޖުތަމަޢު ތެރޭގައާއި ވަޒީފާގެ މާޙައުލުގައިވެސް ވިސްނަންޖެހޭ ކަންކަން ކަމުގައި،" މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ދުވަހާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެފައިވަނީ ވަޒީފާގެ މާހައުލުގައި އަންހެނުން މަސައްކަތްކުރުމަށް ރައްކާތެރި ފަހި މާހައުލެއް ގާއިމުކުރުމަށް ސަމާލުކަންދިނުމަށެވެ. އަންހެނުން ވަޒިފާއަށް ނިކުތުމަށް ހުރި ހުރަސްތައް ނައްތާލުމަށް މުޅި މުޖުތުމައު އެކުގައި މަސައްކަތްކުރުމަށް ވެސް މިނިސްޓަރ ވަނީ ގޮވައިލައްވާފައެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "އިސް ސަފުގައި އަންހެނުން: ކޮވިޑް-19ގެ ދުނިޔޭގައި ހަމަހަމަ މުސްތަޤުބަލެއް ހޯދުން،" އެވެ.

މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި އެކިއެކި ދާއިރާތަކުގެ ކުރީ ސަފުގައި އަދި ބަސްބުނުމުގައި އަންހެނުން ޝާމިލުވެ، ކުރަމުންދާ އަގުހުރި މަސައްކަތް އެ މިނިސްޓްރީން ވަނީ ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

މި ދަނޑިވަޅުގައި ކަނޑައެޅިގެންދާ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތަކަކީ ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހަމަހަމަ ޙިއްޞާ ބޭނުންވާކަން ދައްކުވައިދޭ ލާމަސީލު މިސާލެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.