2024 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއުލާން ކޮށްފިއެވެ.

މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 90.2 މިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް 9.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 51.5 އިންސައްތައިގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެއްކުރެވިފައިވަނީ 6.4 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތު ދިނުމަށް ލާޒިމުވާ ނިޞާބު ކަނޑައަޅަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިންނެވެ. 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބަކީ 9240.35 ރުފިޔާއެވެ. މި ހިސާބު ކުރުމުގައި ރަނާއި ރިހީގެ އަގު ހިމެނެއެވެ. ޚާއްޞަކޮށް މުދަލު ޒަކާތު ފައިސާއިން ދައްކާނަމައެވެ. ރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. އެއީ އިލްމުވެރިން ދެކޭގޮތުގައި ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ވާތީއެވެ.