ލިވަޕޫލްގެ މުހިއްމު ފޯވާޑް ސާޑިއޯ މާނޭ، ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ލިވަޕޫލްއަށް ހާސްކަން ކުރިމަތިވެއްޖެއެވެ.
ލިވަޕޫލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މާނޭ ކިބައިން ފެންނަމުންދަނީ ކޮވިޑުގެ ވަރަށް އާދައިގެ އަލާމަތްތަށް ކަމަށެވެ. "ކުދިކުދި އަލަމާތްތައް މާނޭ ކިބައިން ފެންނަމުން ދަނީ. ޖުމްލަކޮށް އޭނާގެ ހާލު ރަނގަޅު" ލިވަޕޫލްގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑަށް މާނޭ ޕޮޒިޓިވް ވެފައި މިވަނީ ވަރަށް ރަނގަޅު ފޯމެއްގައި ހުއްޓައެވެ. ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އާސެނަލް އަތުން 3-1 އިން މޮޅުވި މެޗުގައި މާނޭ ވަނީ އެއްލަނޑު ކާމިޔާބުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭގެ ކުރިން ޗެލްސީއާ އަތުން ލީގުގައި 2-0 އިން މޮޅުވި މެޗުގައި ދެލަނޑުވެސް ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ މާނޭއެވެ.
ކޮވިޑަށް މާނޭ ޕޮޒިޓިވް ވެފައި މިވަނީ އެޓީމުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ ކޮވިޑަށް ޕޮޒިޓިޓިވްވެ ކަރަންޓީނުގައި ހުންނަން ފެށިތާ ދެދުވަސް ފަހުންނެވެ. މީގެ ސަބަބުން ލިވަޕޫލްގެ އިތުރު ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެދާނެކަމުގެ ބިރު ކޯޗް ޔާގެން ކްލޮޕަށް މިހާރު ވަނީ ހީވެފައެވެ.
ޕްރިމިއަރ ލީގުގައި މިސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ލިވަޕޫލުން ކާމިޔާބު ކޮށްފައިވާއިރު ލީގުގައި މާދަމާ ރޭ ލިވަޕޫލް ނުކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ. އެސްޓަންވިލާ އޮތީ 6 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައެވެ.