ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއާއި އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްއާއެކު އިންޖިނިއަރިންގ، ޕްރޮކިޔޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެދަށުން 650 އަކަފޫޓުގެ 2 ކޮޓަރީ ގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ 3 ކޮޓަރީ ގެ 1400 ޔުނިޓް އިމާރާތްކުރެވޭނެއެވެ. 137 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރުޔިށްގެންދިއުމަށް ރޭވިފައިވަނީ އެކްސްޕޯރޓް އިމްޕޯރޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫޢު ފުރިހަމަކުރުމަށް 3 އަހަރާއި 1 މަސް ދުވަސް ނަގާނެކަމަށް ބެލެވެއެވެ.

މިއެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުއެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް – ކޮންޓްރެކްޓްސް ސައުތު އިންޑިޔާ އޮޕަރޭޝަންސް ކައްރި ސުދާކަރަ ރެޑީ އެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފަހި ދިރިއުޅުން ކޯރޕަރޭޝަންގައެވެ.

ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްއަކީ އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރުމުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.