ބޭރުގެ ބޯޓުތައް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރާތީ އެކަން ހުއްޓުވަން މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައެއް ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤްއެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް 10 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 26 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެމްބަރުން ތިއްބެވިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން މެންބަރު ޠާރިޤް ވިދާޅުވީ، ދާ އަޅައިގެން ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓްތަކުން މަސްވެރިކަން ކުރާމައްސަލަ އިންތިހާއަށް އިތުރުވެފައިވާކަމަށެވެ. އެކަމުގެ ސަަބުން ރާއްޖޭގެ މަސްވެރިކަމަށް ކުރާ ނޭދެވޭ އަސަރު މަސްވެރިން ރިޕޯޓްކުރަމުންދާކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ޠާރިޤްގެ މައްސަލާގައި ވަނީ ގޮވާލައްވާފައެވެ.

ދާ އަޅައިގެން މަސްވެރިކަންކުރާ ބޭރުގެ މަސްބޯޓްތަކުގެ މައްސަލަ ހުއްޓުވުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ނ.އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.