"އަޅުގަނޑުގެ ޢާއިލާގެ މީހުންވެސް އަދި އަކްބަރުވެސް ގަބޫލު ކުރާ ގޮތުގައި ފުރުތަމަ އަނބިމީހާ އަކީ ހަމަ ނެތް މީހެއް." "ގަބޫލު ކުރިޔަސް، ނުކުރިޔަސް، އެއީ ނެތް މީހަކަށް ނުވާނެ. އެއީ ނުވާ ކަމަކަށްވެސް ނުވާނެ. ފުރަތަމަ އަނބިމީހާ އަބަދުވެސް އިންނާނީ ފުރަތަމަ އަނބީގެ ގޮތުގައި. އަހަރެންގެ ކޮއްކޮ ދެވަން އަތްނބަކަށް ހެދުމުގެ ޚިޔާލު ހިތުން ނެރެ އެއްލައިލާ." ސަލްމާ ރުޅި އައިސްގެން ތުން ދަމާ އޫކޮށްގެން އަނެއް ފަރާތަށް އެނބުރިއްޖެއެވެ. ލޯބިވާ އަނބިމީހާގެ ކުލަވަރު ބަދަލުވުމުން ޖަވާދު ކަން ބޮޑު ވެގެން ދެ ފަރާތް ހޯދައި ބަލައިލިއެވެ. އެ ތާނގައި މަސައްކަތް ކުރަން ތިބި މީހުން ތިބީ ވަރަށް ދުރުގައެވެ. ވެރިމީހާގެ އަނބިކަނބަލުން ކޯފާ ވެގެން އުޅުއްވާތަން އެހެން މީހަކަށް ފެނުނު ހެންނެއް ހިޔެއް ނުވެއެވެ. އެހެން މީހަކަށް ފެނުމުގެ ކުރީން އަނބިމީހާ ރުއްސުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޖަވާދަށް ފެނުނެވެ. އޭނާ ޚުޝާމަދު ކުރުމުގެ ރާގަކަށް ބުނެލިއެވެ. "ތިޔަހެން ނުހަދާ ރީތިކޮށް އިނދޭ! މީހަކަށް ފެނިއްޖެއްޔާ ބުނާނީ ކީކޭ؟" "މީހުން ކިޔާނެ އެއްޗެއް އަޅުގަނޑަކަށް ނޭނގޭ. އެކަމާ ޖަވާދު ވިސްނަވާ!" "ބުނަންތަ؟ ސަލްމާގެ ހުރިހައި ވާހަކައެއް އަހަރެން ލޮލުން ބޮލުން ގަބޫލު ކޮށްފިން. އެކަމަކު ތިޔައީއަކީ ހަމައެކަނި އަހަރެންގެ ކަމެއް ނޫން. މުޅި ޢާއިލާޔާ ގުޅުން ހުރި ކަމެއް." "ޢާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިއަކީ ޖަވާދެއް ނޫންތޯ؟ މަންމައާއި ބައްޕަ ޖަވާދު ބުނުއްވާ ގޮތަކަށް ހައްދަވާނެ. މިވަރުގެ ކުޑަ ކަމެއްވެސް ނުކުރެއްވޭނީތޯ؟" "އަހަރެން ދުވަހަކުވެސް މަންމަޔާ ނޫނީ ބައްޕަޔާ ވާހަކަ ދައްކައިގެން ވިޔާނުދާ ކަމެއް ކުރުވާކަށް ނޫޅެން. އަހަރެމެންގެ ޢާއިލާއަކީ މާރު ކުރުމުގެ އުސޫލު ގެންގުޅޭ ޢައިލާއެއް ނޫން. އަނބިމީހާ ގެންނަ ގެއަކަށް އަންހެން ދަރިން ފޮނުވުމަކީ އަހަރެމެން ކުރާ ކަމެއް ނޫން. އެއީ ބޮޑެތި މައްސަލަތައް އުފެދޭނެ ކަމެއް." "އެކަމުން އުފެދޭނީ ކޮން މައްސަލައެއްތޯ؟ ނިކަން ސާފުކޮށް ދެއްވަ ބައްލަވާ!" "އެޔެއް އަހަންނަކަށް ނޭނގޭ. ބައްޕަ ކުރެން އަހ! އަހަންނަކީ ފީރޯޒާގެ ބޭބެ. ބައްޕައެއް ނޫން. ކަމެއް ނިންމޭނީ ބައްޕަގެ ހުއްދަ ލިބުނީމާ." ސަލްމާ އަނެއްކާވެސް ރުޅި މޫނު ހަދައިލިއެވެ. އެޔާއެކު ޖަވާދު ކަން ބޮޑު ވެގެން ބުންޏެވެ. "ކިހިނެއްތަ ތިޔަ ވަނީ؟ އެހެރަގެން އަންނަނީ ޕިޔޯނު. ރީތިކޮށް ހިނިތުން ވެގެން އިނދެ ވާހަކަ ދައްކަބަލަ!" ޕިޔޯނު ކައިރިއަށް އައިސް ބުނެލިއެވެ. "ކާން ހަދައި ނިމިއްޖެ. އޮފްސަރުން ވިދާޅުވީ ވެރިމީހާއާއި އަނބިކަމަނާ ފަރީއްކުޅުއްވަން ވަޑައިގަންނަވާށޯ.""އެންމެ ރަނގަޅު. އަހަރެމެން އެބަ އަންނަން." ސަލްމާ ރުޅި އައިސްފައި ބުނެލިއެވެ. "އަޅުގަނޑު ބަނޑުހައެއް ނުވޭ. އަޅުގަނޑެއް ނުކާނަން." ޕިޔޯނު ޖަވާދުގެ މޫނަށް ބަލައިލިއެވެ. ޖަވާދު އަވަސް އަވަހަށް ބުނެލިއެވެ. "ސަލްމާގެ ބޮލުގައި ރިއްސަނީ. ކަލޭ ގޮސް ބުނޭ އަހަރެމެން ކާނީ ފަހުންނޭ. އެމީހުން ކާށޭ." ޕިޔޯނު ހިނގައްޖެއެވެ. ޖަވާދު ވައި އަޑުން ކަހަލަ ގޮތަކަށް ބުނެލިއެވެ. "ހުރިހައި އޮފްސަރުންގެ ތެތޭގައި އަހަރެންގެ އަގު ވައްޓައިލަނީތަ؟" "ޖަވާދުވެސް ތިޔަ އުޅުއްވަނީ ގޭގައި އަޅުގަނޑުގެ އަގުވެސް ވައްޓަވައިލައްވަން ނޫންތޯ؟" "އަހަރެން ސަލްމާއަށް ވިސްނައި ދޭނީ ކިހިނެއް؟ ތިޔަ ބުނާ ކަހަލަ ކަންކަމުގައި މަންމަޔާއި ބައްޕަގެ ބާރު ނޫން އެހެން ބާރެއް ނޯންނާނެ." "އަޅުގަނޑާއި ޖަވާދާ ދެމީހުން އަކްބަރުގެ ކޮޅަށް ޖެހިގެން ވާހަކަދައްކާނީ. ފީރޯޒާވެސް ރުހޭނެ. އެހެންވީމާ ބަލިވާނީ ބައްޕަގެ ކޮޅެއް ނޫންތޯ؟" "އެންމެ ރަނގަޅު. އަހަރެން ވިސްނައިލާނަން. ފުރަތަމަ ހިނގާ ކާން! އެހެން ނޫނީ އޮފީސް މީހުން އަހަރެމެންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާނެ." ސަލްމާ އުފަލާއި ޔަގީން ކަމާ އެކީ ކާން ދާން ތެދުވެއްޖެއެވެ. މިހާރު ފިރިމީހާ ކުޑަކޮށް ނަމަވެސް ލަންބައި ލެވިއްޖެއެވެ. ބުރިކަށި މައްޗަށް އެރޭ ވަރަށް ގުދު ކުރާކަށް މާ ގިނަ ދުވަހެއް ނުވާނެއެވެ.

ޗައުދަރީ އަކްބަރް ޢަލީ ފޯނުން ފީރޯޒާ އާ ވާހަކަ ދައްކަނީއެވެ. ގެއިން ބޭރު ކޮންމެވެސް ތަނެއްގައި އޭނާޔާ ބައްދަލު ކުރޭތޯ އެދި ލޯބިން ފުރިފައިވާ ރާގެއްގައި އާދޭސް ކުރަނީއެވެ. ފޯނުން ނުދެއްކޭ ކިތަންމެ ވާހަކައެއް ބައްދަލު ވެގެން ދެއްކޭނެއޭ ކިޔައިގެން އޮޅުވާލަން މަސައްކަތް ކުރަނީއެވެ. އެހެން ނަމަވެސް ފީރޯޒާ އާނއެކޭވެސް އަދި ނޫނެކޭވެސް ނުބުންޏެވެ. އެންމެ ފަހުން ޖެހުނީ ފޯނު ބާއްވާށެވެ. އެ ވަގުތުން ފެށިގެން އަކްބަރް ޢަލީގެ ބޭގަރާރުކަން ބޮޑު ވާން ފަށައިފިއެވެ. ފީރޯޒާގެ ފަރުވާ ކުޑަ ކަމަށްޓަކައި ރުޅިވެސް އާދެއެވެ. މިހައި ތަނަށް އޭނާ ބޭނުންވީ ކޮންމެ ކަމެއް އައީ ކުރަމުންނެވެ. އޭނާ ބޭނުން ކުއްޖަކު އޭނާގެ ފަރާތަށް ލަންބައިލައެވެ. ޤުދުރަތުން އޭނާއަށް ދެއްވަިއފައިވަނީ އެހައިވެސް ފުރިހަމަ ފިރިހެންވަންތަ ރީތި ކަމެކެވެ. ފިޔާ ކޮށާއިރު އިނގިލި ކޮށައިލާން އަންހެން ކުދިންނަށް ޖެހޭ ފަދަ ރީތި ކަމެކެވެ. އޭނާގެ ރީތި ކަމުގެ ޖާދޫގައި ނުޖެހި އުޅެނީ ހަމައެކަނި ފީރޯޒާއެވެ. ޖެހުނު ކަމުގައި ވިޔަސް އެހެން ކުދިންހެން ލަނެއް ނެތް އަހެއްހެން ހޫރެމުން ދުއްވައެއް ނުގަތެވެ. އަބުރާއި ޢިއްޒަތް ސަލާމަތް ކޮށްގެން އުޅެން އާދަވެފައި ވަނީކަން ނޭނގެއެވެ. އަކްބަރް ޢަލީ އަކީ ކެތްތެރި ވާން ދަންނަ މީހެއް ނޫނެވެ. ކުޑަ އިރުއްސުރެ އޭނާގެ ކޮންމެ އެދުމެއް ދިޔައީ ފުރިހަމަ ކޮށް ދެވެމުންނެވެ. ރަށުގެ ގޭގޭގައި ދޮންވެ ފައްކާވާ "ޒުވާން މޭވާ" ކާން އެންމެ ފުރަތަމަ ލިބެނީ އޭނާ އަށެވެ. ފީރޯޒާއޭ ކިޔުނު މޭވާ އަރު ތެރޭގައި ތާށި ވެއްޖެއެވެ. ދިރުވައެއް ނުލެވުނެވެ. ދިރުވައި ނުލެވޭނެ ކަމަށް ބަލާފައި ބޭރަށް ވައްޓައިލާކަށް އޭނާގެ ހިތެއް ނުރުހެއެވެ.(ނުނިމޭ)