ބާރަތު ބައޯ ޓެކްއިން އީޖާދުކޮށްފައިވާ ނޭފަތުން ދޭ ވެކްސިން ޓެސްޓް ކުރުމަށް ހުއްދަ ދިނުމާއެކު ހައިދަރްއާބާދުގައި އޭގެ ޓެސްޓްތައް ފަށައިފިއެވެ. އިންޑިއާގެ ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް ހުއްދަ ދީފައި ވަނީ، މި ވެކްސިން ކެންޑިޑޭޓްގެ ފުރަތަމަ ޓެސްޓްތައް އިންޑިއާގެ ހަތަރު ސްޓޭޓެއްގައި ކުރިއަށް ގެންދިއުމަށެވެ.

ޕަޓްނާއާއި ޗެންނާއި އާއި ނާގްޕޫރްއާއި ހައިދަރްއާބާދުގައި ޓެސްޓްކުރާ މި ވެކްސިން ހައިދަރްއާބާދުގައި ޓެސްޓް ކުރި އެންމެންގެ ހާލު ރަނަގަޅު ކަމަށާއި މައްސަލައެއް ދިމާވެފައި ނުވާކަމަށް މީޑިއާ ވަނީ ރިޕޯޓް ކޮށްފައެވެ.

މި އީޖާދާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބާރަތު ބައޯ ޓެކްގެ ޗެއަރމަން ޑރ. ކްރިޝްނާ އެއްލާ ވިދާޅުވީ އިންޑިއާފަދަ ބައިބޯ ގައުމެއްގައި އެންމެނަށް ވެކްސިން ޖަހާއިރު ކޮންމެ މީހަކަށް ދެ ޑޯޒް ދޭން ޖެހޭއިރު، 2.6 ބިލިއަނެއްހާ އިންޖެކްޝަނާއި ސިރިންޖު ބޭނުން ކުރުމުން، އިމާވެށްޓަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. ނޭފަތުންދޭ ވެކްސިންގެ މަގްސަދަކީ، މިފަދަ ކޮންސިއުމެބަލްސް މަދުކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ބާރަތު ބައޯ ޓެކްއިން މި ވެކްސިން ތައްޔާރު ކޮށް ޓެސްޓް ކުރަމުން ދަނީ އެމެރިކާގެ ވިސްކޮންސިން ޔުނިވަރސިޓީ އާއި ފުލޫޖެން ކިޔާ ކުންފުންޏަކާ ގުޅިގެންނެވެ.