ޖަލުގައި ހުކުމް ތަންފީޒު ކުރަމުންގެންދާ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު ގެއަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިސަރު ވިދާޅުވީ އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ކޯޓުގެ ހުއްދައާއިއެކު އޭނާގެ ބަލި ހާލަތު ހުރިގޮތުންކަމަށެވެ. އަދީބު ގެއަށް ބަދަލުވުމާމެދު އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއްނުވެއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސްއަަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށިގެ ދެ ދައުވާއާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއާއި ރަސްމީ ހައްސިއްޔަތު ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ.
މި ހަތް ދައުވާއަށް އިޢުތިރާފްވެ އަދީބް ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު މައްސަލަކަމަށާއި، ދައުލަތަށް އެއްބާރުލުން ދޭން ނިންމެވީ މިމައްސަލަ އިތުރަށް ސާފުވެ ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ލިބެންޖެހޭތީކަމަށެވެ.
އަދީބާއި އެކު ހަދާފައިވާ އިއުތިރާފު އެއްބެސްވުމުގެ ދަށުން ހިޔާނާތުގެ ކުށުގެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާގައި އަދީބުގެ މައްޗަށް އަންނާނީ 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ހިޔާނާތުގެ އަނެއް ދައުވާގައި އަންނާނީ 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ނާޖައިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުން އަންނާނީ 5 އަހަރަށް ޖަލަށް ލުމާއި އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި މަޤާމު ނުފޫޒުން ބޭނުކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ 6 މަހަށް ޖަލަށްލުމެވެ. މަނީ ލޯންޑަރކުރުމުގެ ކުށުގެ ކޮންމެ ދައުވާއަކަށް އަދަބެއްގެ ގޮތުގައި ކަނޑައާފައިވަނީ 5 އަހަރުގެ ޖަލު ހުކުމެކެވެ. ރަަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި އަދަބަކީ 6 މަހަށް ޖަލަށްލުމެވެ.
އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ. އަދި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއް ކަމަށްއަދީބު ވަނީ އިއުތިރާފުވެފައެވެ. އަދީބު ވިދާޅުވިގޮތުގައި މި މަޢުލޫމާތުތަކަކީ އޭނާ ސާފުކޮށް ނުދެއްވައިފިނަމަ އެނގޭނެ ވާހަކަތަކެއްވެސް ނޫންކަމަށެވެ.