ނިދަން އޮށޯވެ އެތައް އިރެއްވާއިރުވެސް ވަރަށް ގިނަ މީހުނަށް ނުނިދޭ ވާހަކަ ބުނެއެވެ. އަދި އަމުދުން މިހާރަކަށް އައިސް ވަރަށް ގިނަމީހުން ނުނިދިގެން ތފާތު އެހެން ބަލިތަކަށް ހުށަހެޅެއެވެ.
ރައްޓެއްސަކު ބުނި ގޮތުގައި ކްރޯނާ ވައިރަސް މާލޭގައި ފެތުރެން ފެށިފަހުން އޭނަޔަށް ނިދަން ވަރަށް އުނދަގޫ ވާން ފެށިއެވެ. ބައެއް ރޭރޭ ފަތިސްވާއިރުވެސް ނުނިދެއެވެ. މިހެން ގިނަ ދުވަސް ވާން ފެށުމުން ގައިންވެސް ދިލަ ނަގައި ގައިގައި ވަރުދެރަވާން ފެށީއެވެ. އެންމެ ފަހުން މިކަންތައް ބޮޑުވެގެން ޑޮކްޓަރަށް ދައްކާ ޓެސްޓް ތައްވެސް ހެދިއެވެ.
ހެދި އެއްވެސް ޓެސްޓަކުން ބައްޔެއް ނުފެނުނަސް ނާރުގެ ޑޮކްޓަރ އޭނާ އަށް ބޭހެއް ދިންކަމަށް ވެއެވެ. އެ ބޭސް ކާން ފެށުމުން ނިދެންފެށިއެވެ. އަދި ގައިން ދިލަ ނެގުންވެސް ރަނގަޅުވިއެވެ. ނަމަވެސް ބޭސް ހުސްވުމާއެކު އަނެއްކާވެސް ނުނިދެން ފެށިއެވެ. މިފަހަރު މާބޮޑަށް އުނދަގޫވާން ފެށިއެވެ. އެހެންކަމުން އާއިލާގައި ޑޮކްޓަރެއް ހުރުމުން އޭނާ އަށް ބޭސް ސިޓީ ދެއްކިއެވެ. ބޭސް ސިޓީ ބެލުމުން އޭނާ އަށް ޑޮކްޓަރު ދީފައި ވަނީ ޑިޕްރެޝަން އަށް ކާ ބޭސްކަން އެނގުނެވެ. ދެން އާއިލާގެ ޑޮކްޓަރު އިރުޝާދު ދިން ގޮތަށް ބޭސް މަދު ކުރަމުން ގޮސް އެއްކޮށް ހުއްޓާލިއެވެ. ނަމަވެސް ހަމަ ނިދި ނިދުނީ މާލެއިން ބެރަށް ދިއުމުން ކަމަށް ރަހުމަތްތެރިޔާ ބުންޏެވެ.
ބޭރު ގެ ގައުމުތަކުގައި ނުނިދުމާއި، މީހުން ނިދުމަށްޓަކައި ކަންތައް ކުރާގޮތްތައް ހޯދުމަށް ދިރާސާތައް ކޮށްފައި އެބަ ހުއްޓެވެ. ޑޮކްޓަރުން ހާމަ ކުރައްވާގޮތުގައި މި ގޮތަށް ނުނިދެނީ ސިނކުޑީގައި ޚިޔާލުތައް ގިނަވެ އެކަމުގެ އުނދަގުލުގެ ސަބަބުންނެވެ. އެގޮތަށް އެހެން ވާން ދިމާވާ ސަބަބަކީ ނިދަން އޮށޯތުމުން މީހާ އެކަނި ވުމެވެ. ބައިވެރިޔަކާ އެކު ނިދަން އޮށޯތަސް ބައިވެރިޔާ އަވަހަށް ނިދުމުން އޭނާ އެކަނި ވަނީއެވެ. އެހެން ކަމުން އެއްވެސް މީހެއްގެ ހިލަމެއް ނުވެ ހިމޭން ވުމުން ސިނކުޑީގައި އެކި ކަންތައްތަކުގެ ޚިޔާލުތައް އެންބުރެން ފަށަނީއެވެ. އެހެންކަމުން މި ޚިޔާލުތަކާއި ދުރަށް ދިއުމަށް އެކި މީހުން އެކި ކަންތައް ކުރެއެވެ. ބައެއް މީހުން ވާހަކަ އަޑުއަހައެވެ. އަނެއްބަޔަކަށް މީހުން ދައްކާ ވާހަކަ އަޑު އިވުމުން ނިދި އާދެއެވެ. އަދި އެއްބަޔަކު ބުނާގޮތުގައި ޓީވީ ހުޅުވައިގެން ޓީވީ ބަލަން އޮތުމުންވެސް ނިދި އާދެއެވެ.
ކަމުގެ މާހިރުން ހާމަ ކުރައްވާ ގޮތުގައި ނިދަން އޮށޯތުމަށް ފަހު ތިމާ ޝަޢުގުވެރިވާ ކަމަމަކާމެދު ވިސްނާނަމަ، ނުވަތަ އެކަމެއްގެ ޚިޔާލުތައް ސިނކުޑި އަށް އަންނަ ނަމަ ނިދަން އުނދަގޫވާނެ އެވެ. ވީމާ ތިމާ ފޫހިވާ އެއްޗެއް އަޑު އެހުން ނުވަތަ ފޫހިވާނޭ ޚިޔާލެއް ގެނައުމުންވެސް ނިދުމަށް މަގު ފަހިވެއެވެ. ވީމާ ނިދަން އޮށޯތުމަށް ފަހު ތިމާ ޝައުގު ވެރިވާ ކަންކަމާމެދު ނުވިސްނުން ބުއްދިވެރިއެވެ. އެއަށްވުރެ އެންމެ ރަނގަޅު ގޮތަކީ ތިމާ ފޫހިވާ ކަހަލަ އެއްޗެއް ކިޔާލުމެވެ. ނުވަތަ އަޑު އަހާލުމެވެ.