ރިޔާސީ މިދައުރު ނިމެންދެން ކޯލިޝަން ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ އޮންލައިންކޮށް ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރު ހިންގެވުމުގައި ކޯލިޝަން ލީޑަރުންގެ މަޝްވަރާ ހޯއްދަވާ ކަމަށެވެ. ކަނޑައެޅިފައިވާ ގޮތަށް އެބޭފުޅުންނާ ސީދާ އެބޭފުޅުނާ ބައްދަލު ނުކުރެވެނީ ކޮވިޑްގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޯލިޝަން ލީޑަރުންނާ "ބައްދަލު ނުކުރެވުނަސް ޕާޓީތަކުގެ ލީޑަރުންނާ އަޅުގަނޑާ ގުޅުން އޮވޭ. ކޯލިޝަނާ ދޭތެރޭ އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމަށެވެ. ކޯލިޝަން އަދިވެސް އޮތީ އެއްބައިވަންތަކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.