ދުނިޔޭގެ އެންމެ އުސް ހަރޮށިބިނާގެ ފިނިޝިންގެ މަސައްކަތް ފަށާފައިވާ ކަން މިއަދު އިއުލާން ކޮށްފިއެވެ. ޖިއްދާ ސިޓީގައި ބިނާ ކުރާ ޖިއްދާ ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށާއި މިއަދު 64 ވަނަ ފަންގިފިލާގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިކަން، އެ އިމާރާތުގެ ވެރިފަރާތް ކަމަށްވާ އަމީރު ތަލާލް ބިން ޢަބްދުލް ޢަޒީޒު ވިދާޅުވެއެވެ.
އޭނާ ވިދާޅުވަނީ، ކޮންމެ 4 ދުވަހަކުން ފަންގިފިލާއެއް ނިންމާލެވޭނެ ކަމަށެވެ.
މި ބިލްޑިން ނިމޭއިރު ވެގެންދާނީ ދުނިޔޭގެ އެންމެ އުސް ހަރޮށިބިނާއަށެވެ. އަމީރު ޠަލާލް ވިދާޅުވީ މި އިމާރާތުގައި ބޭނުން ކުރާނީ އައު ޓެކްނޮލޮޖީ ކަމަށެވެ. އެގޮތުން ބައެއް ޓެކްނޮލޮޖީ އަދި ތަރައްގީ ކުރުމުގެ މަރުޙަލާގައި އުޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއް ކިލޯމީޓަރުގެ އުސް މިބިލްޑިންގެ މަތީ ފްލޯތަކަށް ސިމިންތިއާ ސާމާނު އުފުލުމަށް އައު ގޮތްތަކެއް ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޖިއްދާ ޓަވަރު ބިނާ ކުރާނެކަމަށް އިއުލާން ކުރުމަށްފަހު ކޮވިޑާއި އަދި އެހެން މައްސަލަތަކާ ހެދި ފެށުން ލަސްވެގެން ދިޔައެވެ. އަމީރު ވިދާޅުވިގޮތުގައި އަމާޒަކީ، 42 ހަފްތާ ތެރޭ މަސައްކަތް ނިންމާ ލުމެވެ.
ޖިއްދާ ޓަވަރަކީ ޖުމްލަ 5.3 މިލިއަން އަކަމީޓަރުގެ ގުޅިފައިވާ އިމާރާތްތަކެއް ބިނާ ކުރުމުގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ޓަވަރުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަމީޓަރެވެ. މި މަޝްރޫއު ނިމުމުން މަޝްރޫއުގެ އިންވެސްޓްމަންޓްތައް 100 ބިލިއަން ރިޔާލަށް ވުރެ ބޮޑުވާނެ ކަމަށް ލަފާ ކުރެވެއެވެ.
ޖިއްދާ ޓަވަރު ނިމުމުން 75،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް މީހުންނަށް ޖާގަ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.