ޓައިވާނަށް ޗައިނާއިން އޮތީ ކަޅި ހުއްޓައިގެން ކަމަށާއި، ކުރިއަށް ހަ އަހަރު ގެ ތެރޭގައި ޗައިނާއިން ޓައިވާނަށް ޙަމަލަދީ، ތައިވާން ހިފާނެ ކަމަށް އެމެރިކާގެ އިސް ޖެނެރަލެއް، ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ވިދާޅު ވެއްޖެއެވެ. އަދި މި މުއްދަތުގައި ޗައިނާއިން އެމެރިކާގެ މައްޗަށް ކުރި ހޯދައި ދުނިޔޭގެ ބޮޑު ބާރުކަމަށް ވެގެންފާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެޑްމިރާލް ފިލް ޑޭވިޑްސަން މިއަދު ވާހަކަ ދައްކަވަމުން ގެންދެވީ، ސެނެޓްގެ އާރމްޑް ސަރވިސަސް ކޮމިޓީގައެވެ. އޭނާއަކީ، އެމެރިކާގެ އެންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރެވެ.
ޑޭވިޑްސަން ވިދާޅުވީ، ޗައިނާއިން ދަނީ، އެމީހުންގެ އެދުންތައް ހަގީގަތަކަށް ހެދުމަށް އަވަސް އަރުވާލައިގެންނެވެ. އަދި ޗައިނާގެ މަގްސަދަކީ، ނިޒާމާއި އުސޫލުތަކުގެ މައްޗަށް ގާއިމްވެފައިވާ ބައިނަލްއަގްވާމީ ނިޒާމު ޗައިނާ ބޭނުން ގޮތަށް ބައްޓަން ކޮށް ޗައިނާއަށް ފަހި ނިޒާމަކަށް މި ނިޒާމު ބަދަލު ކުރުމަށެވެ. އޭނާ ވިދާޅުވީ ކުރިންވެސް ޗައިނާއިން މި މަގްސަދު ހާސިލުކުރުމަށް ކަނޑައަޅާފައި އޮތީ 2050 އެވެ. ނަމަވެސް މިހާރު އެއަށްވުރެން އަވަހަށް މަގްސަދު ހާސިލުކުރުމަށް އަވަސް އަރުވާލައިގެން އުޅެނީއެވެ.
ޑޭވިޑްސަންގެ ވާހަކައާ ގުޅިގެން ސީދާ ރައްދެއް ޗައިނާއިން އަދި ދީފައެއް ނުވެއެވެ. ނަމަވެސް ޗައިނާގެ އެންމެ އިސް ޑިޕްލޮމޭޓް އަދި ޕޮލިޓް ބިއުރޯގެ އިސް މެންބަރު، ޚާރިޖީ ވަޒީރު ވަނީ އެމެރިކާއިން އެއް ޗައިނާ ސިޔާސަތަށް އިޙުތިރާމް ކުރުމަށް ގޮވާލައްވާފައެވެ. އަދި ޓައިވާނަށް އެމެރިކާއިން ހަތިޔާރު ނުވިއްކުމަށްވެސް ގޮވާލައްވާފައެވެ. ޗައިނާއިން ދައުވާ ކުރަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ.
1949 ގައި ޗައިނާގެ އަހުލީ ހަނގުރާމަ ނިމިކގެން ދިޔައީ ކޮމިއުނިސްޓުންނަށް ކުރި ލިބިގެންނެވެ. އެމީހުނަށް މައި ސަރަހައްދުގައި ކާމިޔާބު ލިބުމުން ކޮމިއުނިސްޓުންނާ ދެކޮޅަށް ހަނގުރާމަ ކުރި ޑިމޮކްރެޓިކް ޚިޔާލުގެ މީހުން ފިލައިގެން ދިޔައީ ޓައިވާނަށެވެ. އަދި އެތާގައި ވަކި ސަރުކާރެއް ގާއިމް ކުރީއެވެ.
ޓައިވާންގައި އެންމެ ފަހުން ބާއްވާފައިވާ ރިއާސީ އިންތިޚާބުގައި އިންތިހާއަށް ތަނަވަސް އަޣްލަބިއްޔަތަކުން ރައްޔިތުން ވަނީ ޓައިވާންގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ ސާއީ އިންގ ވެން ރައީސާއަކަށް އިންތިޚާބު ކޮށްފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވަނީ ފުރަތަމަ ފަހަރަށް އޭނާގެ ކެބިނެޓްގެ ވަޒީރަކުވެސް އެމެރިކާ ތަމްސީލުކުރުމަށް ޓައިވާނަށް ފޮނުއްވާފައެވެ. ޗައިނާއިން ވަނީ މިކަމަށް އިހުތިޖާޖް ކޮށްފައެވެ.
ޗައިނާއާ ވާދައަށް އެމެރިކާ ޓައިވާން އިންފްރާސްޓްރަކްޗަރއާ ދިމާއަށް
ވައިޓް ހައުސްއިން ޓައިވާނާ މެދު ގެންގުޅޭ ސިޔާސަތު ސާފުކޮށްދެއްވަމުން ތަރުޖަމާން ވިދާޅުވެފައި ވަނީ ޓައިވާން އާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު ނިކަން ހަރުދަނާ ކަމަށެވެ. އަދި ރަޙްމަތްތެރިންނާއި ގާތް ގައުމުތަކާއެކު އެމެރިކާއިން ކޮނޑާއި ކޮނޑު ޖައްސައިގެން ހުންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުވެސް ވިދާޅުވެފައި ވަނީ ޗައިނާއާއެކު އެމެރިކާއިން ވާދަކުރަން ޖެހޭ ތަންތާގައި ވާދަ ކުރާނެ ކަމަށެވެ. އަދި ގުޅުން ބާއްވަން ޖެހޭ ތަންތާގައި ގުޅޭނެ ކަމަށެވެ. އަދި ކުރިމަތިލާން ޖެހޭތަންތާނގައި ކުރިމަތި ލުމުގައި ފަހެއް ނުޖެހޭނެ ކަމަށެވެ.