މި އަހަރު ނިމޭއިރު، އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ވާޗުއަލްކޮށް ރާއްޖޭގެ ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިވަގު ވެސް ކުރިއަށް ދަނީ ރަނގަޅު މިސްރާބަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެމނިކުފާނު ވިދާޅުވީ ރާއްޖެއަށް ކޮވިޑް-19 އައުމުގެ ސަބަބުން ތައްގީގެ މަޝްރޫއުތަކުގެ ތަރުތީބަށް ވެސް ބަދަލު ގެންނަވަން ޖެހިވަޑައިގެންނެވި ކަމަށެވެ. މިހާރު ސަރުކާރުން އެ މަސައްކަތްތައް ކުރިއަށްގެންދަވަނީ ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ބޮޑު އިންޓްރެސްޓާއެކު ނަގައިފައިވާ ލޯނުތައް ދެއްކުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން، އެ ކަމުގައި އިތުރު އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެކަމުގެ ތަފުސީލު ވެސް ރައީސް ހާމަކުރެއްވިއެވެ.
ޤައުމަށް މި ވަގުތު ކުރިމަތިވެފައި އޮތް އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮވިޑް-19ގެ ފުރަބަންދަށް ފަހު، އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ސަރުކާރަށް މިހާރު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. ކުރިއަށް އޮތް 2022 ވަނަ އަހަރު، މިހާރު އޮތް ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބި، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.