ޕީ.ސީ. އާރު ޓެސްޓު ހެދަމަށް ރައްޔިތުންގެ އަތުން ފައިސާ ނުނެގުމަށް ދިވެހި ނެޝަލަންއެކްޝަން (ޑީއެންއޭ) އިން ގޮވާލައިފިއެވެ. ޑީއެންއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޓެސްޓު ހަދަން ސަރުކާރަށް ނަގަމުންދާ އަގަކީ ވަރަށް ބޮޑު އަގެއް ކަމަށެވެ. އެއީ އަސާސީ ހައްގުތަކުން ރައްޔިތުންގެ މަހުރީމް ކުރުވުމަށް އޮތް ފުރުސަތެއްކަމުގައި ދެކޭ ކަމަށް ޑީއެންއޭ އިން ބުނެފައިވެއެވެ.

މިޓެސްޓަކީ ޟަރޫރީ ޙާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ކުރުމަށްޓަކައި މަޖުބޫރީ ޙާލަތުގައި ހަދަންޖެހޭ ޓެސްޓެއް ކަމަށްވާއިރު އެފަދަ މުހިންމި ޓެސްޓެއް ހެދުމަށް އަގުނެގުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަށް ޑީއެންއޭއިން ވަނީ ބުނެފައެވެ.

"ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ ގޮތުން ދަތުރުފަތުރުކޮށް އުޅުމަކީ ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އަދި (ނ) ގައިވަނީ، މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ޙައްޤެއް ހިފެހެއްޓޭނެ ގޮތާއި މިންވަރާއި ކަން ކުރަންވާނޭ ގޮތާއި، އޭގެ ނިސްބަތް މުޠުލަޤުކޮށް ބަޔާން ކޮށްދީފައެވެ. މި މާއްދާގައި ބަޔާންކޮށްފައިވާގޮތުން އަސާސީ ޙައްޤު އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް މެދުވެރިކޮށެވެ. އެގޮތަށް ފާސްކުރާ ޤާނޫނަކުންވެސް އެކަން ކުރެވޭނީ މިނިވަން ދިމިޤްރާތީ މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." ޑީއެންއޭ ގެ ބަޔާނުގައި ވެއެވެ.

ދުނިޔޭގެ ބާޒާރުގައި ޕީ.ސީ. އާރު ޓެސްޓް ކިޓެއްގެ އަގު ހުރި ގޮތުން މި ރާއްޖެއާ ހަމައަށް ކިޓެއް ގެނެވޭނެ އަގަކީ ގާތްގަޑަކަށް 77 ދިވެހި ރުފިޔާ އާއި 231 ދިވެހި ރުފިޔާ އާ ދެމެދުގެ އަގެއް ކަމަށް ވެސް ބުނެފައިވެއެވެ. "ކޮންމެހެން ދަތުރެއްކުރަންޖެހިގެން މަޖުބޫރީ ޙާލަތުގައި ރައްޔިތަކު ޕީ.ސީ. އާރު ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލަކުން ހަދާނަމަ 1000 ރުފިޔާގެ އަގެއް ދައްކަންޖެހެއެވެ. މި އަގަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރެއްކުރުމުގެ ޓިކެޓްގެ އަގާ އެއްވަރުގެ އަދަދެކެވެ. މި ގޮތުން ބަލާއިރު މާލޭ އެއަރ ޕޯޓުން ނ. މާފަރަށް ދަތުރުކުރާ ރައްޔިތެއްގެ އަތުން ޓިކެޓަށް ޚަރަދުކުރާ ފައިސާއާ އެއްމިންވަރުގެ އަދަދެއް ޕީ.ސީ. އާރު ޓެސްޓް ހަދަން ޚަރަދު ކުރަން މަޖުބޫރު ވެއެވެ."

ޑީއެންއޭގެ ބަޔާނުގައި ބުނެފައިވަނީ ނ. މާފަރު އެއަރ ޕޯރޓުގައި ސޮނެވާ ޖާނީ ރިސޯޓުން ބަހައްޓާފައި ހުންނަ ޕީ.ސީ. އާރު ޓެސްޓް މެޝިނުން ޓެސްޓު ހެދުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ އަތުން ނަގަނީ 40 ޔޫއެސްޑޮލަރު ކަމަށެވެ. މިއީ ސަރުކާރުގެ ހޮސްޕިޓަލުން މިޓެސްޓް ހަދައިދޭ އަގަށްވުރެ ގާތްގަޑަކަށް 50 އިންސައްތަ ކުޑަ އަގެއް ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން ސޮނިވާ ޖާނީ ރިސޯޓުގެ ފަރާތުން ދުވާލަކު ގާތްގަޑަކަށް 100 އަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް ޕީ.ސީ.އާރު ޓެސްޓް މުޅިންހިލޭ ހަދައިދެމުން ގެންދެއެވެ.

ސަރުކާރުގެ ހޮސްޕިޓަލަށް ގެނެސްފައިވާ ޕީ.ސީ. އާރު ޓެސްޓް ހަދާ މެޝިން ގެނެސްފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އަގު ދައްކައިގެން ކަމަށްވެފައި، ދަތުރުފަތުރުކޮށް އުޅުމަކީ، މިފަދަ އުދަގޫ އަދި ރައްޔިތުންގެ އަތްމަތިދަތި ޙާލަތުގައިވެސް ކޮންމެހެން ކުރަންޖެހޭ ޟަރޫރީ ކަމަކަށްވާތީ، ޢާއްމު ބައެއް ފަރާތްތަކުން ހިލޭ ސާބަހަށް މި ޓެސްޓް ހަދައިދޭކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރާ ކަމަށް ވެސް ޑީއެންއޭއިން ބުނެފައިވެއެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސި.އާރު ޓެސްޓް ހަދައިދޭ އަގަށްވުރެ ކުޑަ އަގެއްގައި ޕްރައިވެޓް ބައެއް ހޮސްޕިޓަލްތަކުން ޓެސްޓް ހަދައި ދެމުން ގެންދާކަންވެސް ބުނެފައިވެއެވެ.

"އެންމެ ނިކަމެތި ރައްޔިތު މީހާގެ އަތުން 1000(އެއްހާސް) ރުފިޔާ ނަގައިގެން، ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސީ. އާރު ޓެސްޓް ހަދަމުންދާތީ، މިކަމާމެދު ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވެއެވެ. ވުމާއެކު މި މައްސަލައާމެދު އަވަސް ފިޔަވަޅުތަކެއް މިހިނދުން މިހިނދަށް ސަރުކާރުން އަޅުއްވައިދެއްވައި، ޟަރޫރީ ޙާލަތްތަކުގައިވެސް ދަތުރުފަތުރު ކުރުމަށްޓަކައި ހަދަން މަޖުބޫރުވެފައިވާ ޕީ.ސީ. އާރު ޓެސްޓް ހެދުމަށް، އެއްވެސް ދިވެހި ރައްޔިތެއްގެ އަތުން ފައިސާއެއް ނަގަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." އެބަޔާނުގައި ވެއެވެ.