ޣައްޒާގައި ވެރިކަންކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ސިޔާސީ ފިޔައިގެ ވެރިޔަކަށް އަނެއްކާވެސް ޔަހްޔާ ސިންވާރު އިންތިޚާބު ކޮށްފިއެވެ.

ޔަހްޔާ ސިންވާރު އަނެއްކާވެސް އިންތިޚާބު މި ކުރެވުނީ 4 އަހަރުގެ ދެވަނަ ދައުރަކަށެވެ.

ޣައްޒާގައި އިންތިޚާބު ބާއްވާފައިވަނީ ބުދަ ދުވަހުއެވެ.

ހަމާސްގެ، ޣައްޒާގައި ހަރަކާތްތެރިވާ ސިޔާސީ ފިޔައިގެ ވެރިޔަކަށް ޔަހްޔާ ސިންވާރު އަނެއްކާވެސް އިންތިޚާބު ކުރެވުނު އިރު، މުޅި ފަލަސްތީނު މިހާރު ތައްޔާރުވަމުންދަނީ މިއަހަރުގެ މެއިމަހުގެ 22 ވަނަ ދުވަހު ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށެވެ.

ފަލަސްތީނުގެ ގާނޫނުހަދާ މަޖިލީސް ނުވަތަ ޕާލަމެންޓް އިންތިޚާބު މި ބާއްވަނީ 15 އަހަރު ފަހުންނެވެ.

ހަމާސްގެ، ޣައްޒާގައި ހަރަކާތްތެރިވާ ސިޔާސީ ފިޔައިގެ ވެރިޔަކަށް ޔަހްޔާ ސިންވާރު އަލުން އިންތިޚާބު ކުރުމާ ގުޅިގެން، ހަމާސްގެ ޕޮލިޓިކަލް ބިއުރޯ އަދި މުޅި ހަމާސް ޖަމާއަތުގެ އޯވަރޯލް ލީޑަރު އިސްމާއިން ހަނިއްޔާވަނީ ސިންވާރަށް މަރްހަބާ ވިދާޅުވެފައެވެ.

ހަމާސްގެ މަސްދަރުތަކާ ހަވާލާދީ ފަލަސްތީނުގެ މައާން ނޫސް އޭޖެންސީން ބުނެފައިވަނީ، ޣައްޒާގެ ސިޔާސީ ފިޔައިގެ ލީޑަރަކަށް ޔަހްޔާ ސިންވާރު އިންތިޚާބު ކުރެވުނީ، ޣައްޒާގެ ޝޫރާ ކައުންސިލްގައި ހިމެނޭ 320 މެމްބަރުންގެ ތެރެއިން 167 މެމްބަރުންގެ ވޯޓުން ކަމަށެވެ.

ޔަހްޔާ ސިންވާރުއާ އިންތިޚާބުގައި ވާދަކުރެއްވީ، ހަމާސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ ނިޒާރު އަވަދަﷲއެވެ.

ޔަހްޔާ ސިންވާރަކީ ކުރިން ހަމާސް ޖަމާއަތުގެ އަސްކަރީ ފިޔައިގެ މެމްބަރެކެވެ. އޭނާވަނީ އިސްރާއީލުގެ ޖަލެއްގައި 20 އަހަރު ހޭދަކުރައްވާފައެވެ.

އޭނާ ޖަލަށް ލެވުނީ، އިސްރާއީލު ސިފައިންގެ 2 މީހަކު ވަގަށް ނަގައި މަރާލިކަމުގެ ކުށް ސާބިތުވެގެންނެވެ.

ގައިދީން ބަދަލުކުރުމުގެ ހަރަކާތެއްގެ ތެރެއިން ޔަހްހާ ސިންވާރު ޖަލުން މިނިވަން ވެފައިވަނީ 2011 ވަނަ އަހަރުއެވެ.