ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، އޮނަރަބަލް ސަމާންތާ ޖޯއި މޮސްޓިން އޭ.ސީ. އަށާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލްއަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީތަކުގައި، މި އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އޮސްޓްރޭލިއާގެ ލީޑަރޝިޕްއަށާއި ރައްޔިތުންނަށް ހޫނު މަރުހަބާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

އެ މަނިކުފާނު ވަނީ، ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގެ ތަރައްގީއަށް އޮސްޓްރޭލިއާއިން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ކުރާ އިލްތިޒާމް އައުކުރައްވާފައިވެއެވެ.

މީގެއިތުރުން، އެ މަނިކުފާނު ވަނީ ގަވަރނަރ ޖެނެރަލްއާއި ބޮޑުވަޒީރުގެ ދުޅަހެޔޮކަމާއި ފާގަތިކަމަށާއި، އޮސްޓްރޭލިއާގެ ރައްޔިތުންގެ ސުލްހަވެރިކަމާއި، ކުރިއެރުމާއި ތަރައްގީއަށް އެދިވަޑައިގެންފައެވެ.

އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ.

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައިވެސް މެސެޖެއް ހިއްސާކުރައްވާފައެވެ.