މިރުހަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގިނަބަޔަކު ހައްދަން އެންމެ ޝައުޤުވެރިވާ ނުވަތަ ހައްދާ އެއް ބާވަތެވެ. މިރުހަކީ ދިވެހިންގެ ކެއުމުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ގިނަ ބަޔަކު ދުވަހުން ދުވަހަށް ބޭނުންކުރާ ތަރުކާރީއެކެވެ.

މާޙައުލު:

ރާއްޖޭގެ މާޙައުލަކީ މިރުސް ހައްދަން އެންމެ އެކަށީގެންވާ މާޙައުލެއް ނޫނެވެ. ހޫނުގަދަވުމުގެ ސަބަބުން ގަސްތައް ހެއްދުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މި ދަތިތައް ޙައްލުކުރުމަށްޓަކައި، ދަނޑުވެރިން އާންމުކޮށް މިރުސް ހައްދަނީ ފެހިގެ ނުވަތަ ދާޖެހި ކޮށި އަޅައިގެންނެވެ. ނާސަރީ ދާ އަޅައިގެން މިރުސް ހައްދާއިރު 50% ނުވަތަ 75% ގެ ހިޔާ ފޯރުކޮށްދޭ ކަޅުދާ ނުވަތަ ފެހިދާ ވެސް ބޭނުންކުރެވިދާނެއެވެ.

މުޑުވައް ކުރުން:

މުޑުވަކުގެ ގޮތުގައި މިރުހުން އޮށް ނަގައިގެން ބޭނުންކުރާ އޯޕަން ޕޮލިނޭޓެޑް މިރުހުގައި ހުންނަންވާ ސިފަތަކުގެ ތެރޭގައި ހިމެނެނީ:

· ބަލިނުޖެހި ޞިއްޙަތު ރަނގަޅުކޮށް ހެދޭ ގަހަކުން ލިބިފައިވާ މިރުހަކަށްވުން

· ގިނައިން މިރުސް އަޅާ ގަހަކުން ލިބިފައިވާ މިރުހަކަށްވުން

· ކުލައާއި، ސައިޒާއި، ރަހައިގެ ގޮތުން ފެންވަރު ރަނގަޅު މިރުހަކަށްވުން

· ގަހުގައި އިނދެ ހަރުވެ، ދޮންވެފައިވާ މިރުހަކަށްވުން

· ރަނގަޅަށް އުފެދި ފުރިހަމަވެފައިވާ، ޢައިބެއް ނެތް މިރުހަކަށްވުން

މިރުހުން އޮށް ނަގައި ރައްކާކުރުމުގައި، އޮށްތައް ވަކިކުރުމަށްފަހު ނޫސްކަރުދާހެއްފަދަ އެއްޗެއްގެ މަތީގައި ފަތުރާލައި، އަވިނުދޭގޮތަށް 2-3 ދުވަސް ވަންދެން ހިޔަލުގައި ބަހައްޓަންވާނެއެވެ.

ނާސަރީ ކުރުން:

މުޑުވައް އޮށް ހޯދުމަށްފަހު ސީޑްލިންގް ޓްރޭގައި ނުވަތަ ފޮށިގަނޑެއްގައި މުޑުވައް ކުރެވިދާނެއެވެ. މުޑުވައްކުރާނީ ބޮނބިކުނޑި ފަދަ ފެން ހިފަހައްޓައިދޭ، ފެން ހިންދޭ އަދި ޖަރާސީމު މަދު އެކުލެވޭ ފަދަ އެއްޗެއްގައެވެ. ފަޅާ ޅަ ގަހުގައި 4 ފަތް ލުމުން 4×6 އިންޗީގެ ކޮތަޅަށް ބަދަލުކޮށް، ނާސަރީ ނެޓެއްގެ ދަށަށް ލާންވާނެއެވެ. ގަހުގެ ދިގުމިން 8 އިންޗި އާއި 12 އިންޗިއާ ދެމެދަށް ހެދިލަންދެން ނާސަރީގައި ގެންގުޅެވޭނެއެވެ.

ބިން / ޕޮޓު ތައްޔާރު ކުރުން:

މިރުސް އިންދުމަށް ދެ ގޮތެއް ހިޔާރު ކުރެވިދާނެއެވެ: ބިމުގައި އަދި ޕޮޓުގައި. ބިމުގައި އިންދާނަމަ، 2 × 2 ފޫޓުގެ ވަޅު ތައްޔާރުކޮށް، ދެގަސް ދޭތެރޭގައި 5 ފޫޓު އަދި ދެ ބަރި ދޭތެރޭ 6 ފޫޓު ބެހެއްޓުން ރަނގަޅުވާނެއެވެ. ކޮންމެ ވަޅަކަށް 4-6 ކިލޯގެ ކާދު އެއްކުރުމުން ރަނގަޅުވާނެއެވެ. ޚަރަދު ކުޑަކުރުމަށް، ހިކިފަތާއި އެހެނިހެން ގުދުރަތީ ކާނާ ވަޅުގަނޑުގެ އެންމެ އަޑިއަށް އެޅިދާނެއެވެ.

ޕޮޓުގައި އިންދާނަމަ، ވެލި ތައްޔާރުކުރާނީ 3 ވެއްޔަށް 1 ކާދުގެ މިންވަރުންނެވެ. ފެން ހިންދުމަށް އެހީތެރިވެދިނުމަށް، ކަށިވެލި ނުވަތަ ބޮނބި ކުނޑި އެއްކުރެވިދާނެއެވެ. ޕޮޓުގައި އިންދުމުން ގަހުގެ އުމުރު ކުރުވެ، ސައިޒު ކުޑަވިޔަސް، ކުޑަ ބިންކޮޅެއްގައި ގިނަ ގަސް ޖެހުމާއި އެއްތަނުން އަނެއްތަނަށް ބަދަލުކުރުން ފަސޭހަވެއެވެ.

ބެލެހެއްޓުން:

މިރުހުގެ ބާވަތްތަކުގެ ތެރެއިން ޚާއްޞަކޮށް ދިވެހި ގިތެޔޮ މިރުހަކީ ބަލި ގިނަ އެއްޗެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެންކަމުން:

1. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ފިޔަވަޅު އަޅަންވާނެއެވެ.

2. މުސްކުޅި ފަތްތައް ކޮށުމާއި، ފުރަތަމަ ވަރިއަށް މިރުސް އަޅާ ނިމުމުން މުސްކުޅި ގޮފިތައް ކޮށުން ރަނގަޅެވެ.

3. ނައިޓްރޮޖަން ގިނައިން އެކުލެވޭ ކާނާ އަޅާ މިންވަރު ކޮންޓްރޯލް ކުރަންވާނެއެވެ.

4. ފެން ދިނުމުގައި ތެތްބޮޑުވެ، ފަސްގަނޑު ތަރަވާ މިންވަރަށް ފެން ނުދިނުމަށް ސަމާލުވާންވާނެއެވެ.

މިރުސް ގަހަކީ ދިވެހިންގެ ދިވެހިންގެ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ގަހެކެވެ. އެހެންކަމުން، މިރުސް ގަސް ހެއްދުމަކީ ގިނަ ދިވެހިން ޝައުޤުވެރިވާ ކަމެކެވެ. ނަމަވެސް، ރާއްޖޭގެ މޫސުމީ ޙާލަތަށް ބަލާއިރު، މިރުސް ގަސް ހެއްދުމަކީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. އެހެންނަމަވެސް، މާތީގައި ދެންނެވި ގޮތަށް، މިރުސް ގަސް ރަނގަޅަށް ހައްދައި، ފޮނިމީރު މިރުސް އުފެއްދުމަކީ ކުރެވިދާނެ ކަމެކެވެ. މިރުސް ގަސް ހެއްދުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކަކީ ރަނގަޅު މުޑުވައް ހޮވުމާއި، އެކަށީގެންވާ މާޙައުލެއް ތައްޔާރުކުރުމާއި، އަދި ގަހަށް ބޭނުންވާ ފަރުވާ ދިނުމެވެ. މިކަންކަމަށް ސަމާލުކަން ދީގެން މިރުސް ގަސް ހައްދައިފިނަމަ، ރަނގަޅު ނަތީޖާއެއް ލިބޭނެކަން ކަށަވަރެވެ.

https://sarukaaru.gov.mv/articles/6832