ކުރިއަށް އޮތް ރޯދަމަހު ގދ. ތިނަދޫގައި ދުވާލު އަދި ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ބޭއްވުން މަނާކޮށްފިއެވެ.
ތިނަދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވެފައިވަނީ، މި އުސޫލުގެ މަޤްޞަދަކީ ރޯދަ މަހުގައި ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިކޮށް، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދަތަކާއި އުސޫލުތައް އާލާކުރުމަށް ފުރުސަތު ދިނުން ކަމަށެވެ.
މި އުސޫލުގެ ދަށުން، ތަޢުލީމީ މުއައްސަސާތަކާއި، ސަރުކާރު އަދި އަމިއްލަ އޮފީސްތަކާއި، ވިޔަފާރިވެރިންނާއި، ކްލަބު ޖަމްޢިއްޔާތަކާއި އަދި ޓީމުތަކުން ރޯދަ މަހުގެ އަސްލު މަޤްޞަދު ހާސިލުވާނެ ގޮތަށް ހުރިހާ ކަމެއް ތަރުތީބުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ރަސްމީ މަސައްކަތްތަކަށް ބުރޫނާރާނެ ގޮތަށް، ނަމަވެސް އަޅުކަމަށް ވީހާވެސް ބޮޑަށް ފަހިވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ވަނީ އަންގާފައެވެ. ޚާއްޞަކޮށް ނަމާދު، ތަރާވީޙް އަދި ރޯދަވީއްލުމުގެ ވަގުތުތަކާ ފުށުނާރާނެ ގޮތަށް ޑިއުޓީތައް ހަމަޖެއްސުމަށް ވަނީ އިރުޝާދު ދީފައެވެ.
އުސޫލުގައި ހިމެނޭ އެހެނިހެން މުހިންމު ނުކުތާތަކުގެ ތެރޭގައި، ކޮންމެހެން ބާއްވަންޖެހޭ ހާލަތްތަކުގައި މެނުވީ، އިދާރާތަކުގެ ރަސްމީ ހަރަކާތްތައް ނުބޭއްވުމަށާއި، އެފަދަ ހަރަކާތްތައް ބާއްވާނަމަވެސް އަޅުކަމަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުކުރުމަށް އަންގާފައިވެއެވެ. ނަމަވެސް، ރޯދަ މަހާ ގުޅުންހުރި އަދި ދީނީ ގޮތުން ބޭނުންތެރި ހަރަކާތްތައް މި މަނާކުރުމުގެ ތެރެއަކު ނުހިމެނެއެވެ.
މީގެ އިތުރުން، ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް، ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައި ޤާއިމުކުރެވިފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި ޢާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ކައުންސިލުން އިތުރަށް ބަޔާންކޮށްފައިވަނީ، މި އުސޫލަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްތުގައި އުސޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް، އެއިން ތަނެއްގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި އެކަން ކުރާނެ ކަމަށްވެސް ކައުންސިލުން ވަނީ އިންޒާރު ދީފައެވެ.