ކ. ތުލުސްދޫގައި އިމާރާތްކުރަމުންދާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރުގެ މަސައްކަތުގައި ކުންފުނީގެ މުވައްޒަފުން ދައްކަމުންދާ ހުނަރާއި ޤާބިލުކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ތަޢުރީފުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ފަހުމީ ވިދާޅުވީ، މި ތަމްރީނު މަރުކަޒުގެ ޑިޒައިނާއި ޕްލޭނިންގ އަދި އިމާރާތްކުރުމުގެ މަސައްކަތް ވެސް ކުރަމުންދަނީ މުޅިން ސްޓެލްކޯގެ މުވައްޒަފުން ކަމަށެވެ. އަދި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި މުވައްޒަފުން ދައްކަމުންދާ ވަފާތެރިކަމާއި އަޒުމަށް ތަޢުރީފުކުރައްވާ ކަމަށެވެ.

މި މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މި މަރުކަޒުގައި އެއްފަހަރާ 100 މީހުންނަށް ތަމްރީނު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި މަރުކަޒު އިމާރާތްކުރުމުގެ މަޤްޞަދަކީ މިހާރު ރާއްޖެއިން ބޭރަށް ފޮނުވައިގެން މުވައްޒަފުންނަށް ދެމުންދާ ތަމްރީނުތައް ރާއްޖޭގައި ދިނުމެވެ. މިގޮތުން މިހާރު އަހަރަކު ގާތްގަނޑަކަށް ހަތަރު މުވައްޒަފުން ރާއްޖެއިން ބޭރަށް ތަމްރީނަށް ފޮނުވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި 15 ދުވަހުގެ ތަމްރީނަކަށް ހަތަރު މުވައްޒަފުން ފޮނުވުމަށް 400,000 ރުފިޔާއަށް ވުރެ ގިނަ ޚަރަދުވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

މި މަރުކަޒުގައި ތަމްރީނަށް އަންނަ މުވައްޒަފުންނަށް ހުރުމުގެ އިންތިޒާމު ވެސް ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން ޓްރެއިނިންގ ރޫމްތަކާއި، އިލެކްޓްރިކަލް ޓްރެއިނިންގ ރޫމްތަކާއި، ކޮންޓްރޯލް ޓްރެއިނިންގ ރޫމްތަކާއި، މެކޭނިކަލް ތަމްރީނު ކުލާސްތައް ވެސް ހުންނާނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ބޭނުންކުރެވޭނެ އެމްވީއެޗްވީ ރޫމްތައް ވެސް ހުންނާނެއެވެ.

މި މަރުކަޒު އިމާރާތްކުރުމަކީ ޚަރަދު ކުޑަކުރުމަށާއި، ތަމްރީނަށް އަންނަ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށް ސްޓެލްކޯއިން އިސްނަގައިގެން ކުރާ މަސައްކަތެކެވެ.