އެކައުންޓް ކޮމްޕްރޮމައިޒްވެގެން ރިޕޯޓް ކުރާ މައްސަލަތަކުގެ އަދަދު މަދުވެއްޖެ ކަމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާމަކޮށްފިއެވެ.

ސައިބަރ ކްރައިމް ސެންޓަރުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ކުރިއެރުން ލިބިފައިވަނީ އޯޓީޕީ (ވަން-ޓައިމް-ޕާސްވޯޑް) ހިއްސާ ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަމުގެ ސަބަބުން ރައްޔިތުން އޯޓީޕީއާ މެދު ހޭލުންތެރިވެ، އެ މަޢުލޫމާތު އިތުރު ފަރާތްތަކާ ހިއްސާކުރުން ވަނީ "އިންތިހާއަށް މަދުވެފައި" ކަމަށް ސެންޓަރުން ވިދާޅުވެފައިވެއެވެ.

ނަމަވެސް، އޯޓީޕީގެ ބަދަލުގައި އައު އޮތެންޓިކޭޝަން މެތަޑެއް ކަމަށްވާ "ފްލޭޝް ކޯލްސް" މިހާރު ވަނީ ތަޢާރަފުވެފައެވެ. ގިނަ ކުންފުނިތަކުން މިހާރު ދަނީ މި އައު ޓެކްނޮލޮޖީއަށް ބަދަލުވަމުންނެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތެންޓިކޭޝަން ޓެކްނޮލޮޖީއެއް ކަމަށާއި، މިއީ އަގުހެޔޮ އަދި އަވަސް ގޮތެއް ކަމަށް ސައިބަރ ކްރައިމް ސެންޓަރުން ފާހަގަކޮށްފައިވެއެވެ.

ފްލޭޝް ކޯލްސްގައި، ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ފޯނު ކޯލެއް ނުވަތަ މިސްކޯލެއް ފޮނުވައެވެ. މި ނަންބަރުގެ ފަހު އަކުރުތަކަކީ އޮތެންޓިކޭޝަން ކޯޑެވެ. ސައިބަރ ކްރައިމް ސެންޓަރުން އަންގާފައިވާ ގޮތުގައި، މި ކޯޑު އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

އާ ޓެކްނޮލޮޖީއާއެކު، ސްކޭމަރުންވެސް އެމީހުންގެ އުކުޅުތައް ބަދަލުކޮށްފައިވާ ކަމަށް ސެންޓަރުން ވަނީ އިންޒާރުދީފައެވެ. އެހެންކަމުން، ފްލޭޝް ކޯލްސްއާ ބެހޭ ގޮތުން ހޭލުންތެރިވުމަކީ މުހިންމު ކަމެއް ކަމަށް ސެންޓަރުން ބުނެފައިވެއެވެ.