އިންޑިއާއިން އުފައްދާ ވެކްސިންގެ 45 މިލިއަން ޑޯޒް ޕާކިސްތާނަށް ލިބޭނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ. ޕަބްލިކް އެކައުންޓްސް ކޮމިޓީއަށް މަޢްލޫމާތު ދެއްވަމުން، ޕާކިސްތާންގެ ނޭޝަނަލް ހެލްތު ސަރވިސްގެ ސެކެޓްރީ، އާމިރު އަޝްރަފް ޚަވާޖާ ވިދާޅުވީ، އިންޑިއާއިން އުފައްދާފައިވާ ވެކްސިން ޕާކިސްތާނަށް ލިބޭނީ، ޑަބްލިއު އެޗްއޯގެ ވެކްސިން އެލައެންސް މެދުވެރިކޮށެވެ.

ޕާކިސްތާންގެ ދަ ނޭޝަން ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާގެ ސެރަމް އިންސްޓިއުޓުން އުފައްދާފައުވާ އެސްޓްރާ ޒެނެކާ ވެކްސިން ޕާކިސްތާނަށް މާޗް މަހު ލިބޭނެއެވެ. އަދި މިއިން، އެގައުމުގެ އާބާދީގެ ވިހި އިންސައްތަ މީހުންނަށް ވެކްސިން ދެވޭނެއެވެ.

ސެރަމް އިންސްޓިއުޓްގެ ވެކްސިން ޕާކިސްތާނަށް ހޯދުމަށް ވެކްސިން އެލައެންސްއިން އިންޑިއާ ކުންފުންޏާ އެކު ސޮއިކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ.

ޕާކިސްތާނުން އަންދާސާ ކުރަމުން ދަނީ ހާރޑް އިމިއުނިޓީއަކަށް ގައުމު ދާނެ ކަމަށެވެ. މިހާރުވެސް އާބާދީގެ 15 އިންސައްތައަށް ހާރޑް އިމިއުނިޓީ ލިބިފައިވާ ކަމަށް ލަފާކޮށްފައި ވެއެވެ.

އިންޑިއާއިން ބުނާ ގޮތުން އިންޑިއާގައި ބޭނުން ކުރުމަށް ވެކްސިން ލިބުމުގައި ދައްޗެއް ނެތެވެ. އަދި މިއަދު އިންޑިއާގެ ހެލްތު މިނިސްޓްރީން ސްޓޭޓްތަކަށް އަންގާފައި ވަނީ އަމިއްލަ ތަންތަނުގައި އާއި ސަރުކާރު ހަސްފަތާލުތަކުގައިވެސް މީހާވެސް ގިނަ އަދަދަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.