އަވަށްޓެރި އިންޑިއާ އިން ކޮވިޝީލްޑް ވެކްސިން ގަތުމަށް ސަރުކާރުން ނިންމައިފި އެވެ.

މިހާރު ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ދެ ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން އިތުރަށް ގަންނަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްޓަކައެވެ.

އިންޑިއާ އިން ވެކްސިން ގަތުމަށްޓަކައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާއަކަށް އަމަލު ނުކުރަން ނުޖެހޭ ކަމަށް ކަނޑައަޅައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިއަދު ގަރާރެއް ނެރުއްވާފަ އެވެ.

ފިނޭންސް މިނިސްޓަރު ނެރުއްވި ގަރާރުގައި ބަޔާންކޮށްފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޓެޑާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން އެ ވެކްސިން މިވަގުތު ވަކި ބައެއްގެ އަތުން ނޫނީ ލިބެން ނެތުމުން އެ ވެކްސިން މުޅި ދުނިޔޭގައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމެންޓްގެ ޚާއްސަ އުސޫލުތަކުގެ ދަށުންނެވެ.

އަމަލު ކުރަން ނުޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ، މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާ އާއި، ކޮންޓްރެކްޓް ހަވާލު ކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސެންޓް ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަން ޖެހޭ މާއްދާ އަށެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވާ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޓެޑާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑާ އެކު ވެކްސިން ގަތުމަށްޓަކައި ސޮއިކުރެވޭ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެކަނި ކަމަށް އެ ގަރާރުގައި ވެ އެވެ.

އެއްބަސްވުމުގެ މުއްދަތުގައި ވެކްސިން ގަތުމުގައި އަމަލު ކުރަންވާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ނިންމައި އެކަން އިއުލާން ކުރާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

މީގެއިތުރުން އެ އެއްބަސްވުމުގެ ދަށުން ކުރާ ޚަރަދުތަކުގެ އިންޓާލަން އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާނެކަން ފާހަގަކޮށް އެ ޚަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފިނޭންސް މިނިސްޓަރު ވަނީ އަންގާފަ އެވެ.